15 ފެބުރުއަރީ 2022 - 12:47

މެންޗެސްޓާ (ފެބްރުއަރީ 15) - އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލީޑުގައި އޮވެ، އެ ލީޑު ގެއްލިފައިވާތީ މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ދިމާވެފައި ވަނީ އިތުބާރުގެ މައްސަލަ ކަމަށް ކޯޗު ރަފް ރަންގްނިކް ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ރަންގްނިކް ބުނީ ޓީމުގެ ކޮންސިސްޓެންސީ ގެއްލިފާއިވާތީ މި ސީޒަނުގައި ދެން އެންމެ ބޮޑަށް ވެސް އުއްމީދު ކުރެވޭނީ ގަދަ ހަތަރަކަށް ކަމަށެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ ހާފުގައި ވަނީ 1-0 ގެ ލީޑެއް ހޯދައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ވަނީ އެ ލީޑު ގެއްލިފަ އެވެ.
ޗެމްޕިއަންޝިޕްގެ ކްލަބު މިޑްލްސްބަރާ އަތުން ޕެނަލްޓީ ޖަހައިގެން އެފްއޭ ކަޕުން މެންޗެސްޓާ ބަލިވެފައިވާ އިރު ބާންލީ އާއި ސައުތަމްޓަމްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެފްއޭ ކަޕުން ކެޓީ ފުރަތަމަ ހާފުގައި ޔުނައިޓެޑް ލީޑު ނަގާފައި ވަނިކޮށް މިޑްލްސްބަރާ އިން ފަހު ހާފުގައި އެއްވަރުކޮށް އަދި ޕެނަލްޓީން ބަލިވެގެންނެވެ.
ސައްވީސް މެޗުން 40 ޕޮއިންޓާ އެކު ޔުނައިޓެޑް މި ވަގުތު އޮތީ ފަސް ވަނައިގަ އެވެ.
"އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ ހާފުގެ ކުޅުން މޮޅު. ހަމަ ވަރަށް މޮޅު،" ޖަރުމަނުގެ ކޯޗު ބުންޏެވެ. "މިދިޔަ ހަފުތާގައި ފުރަތަމަ ހާފުގައި ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދޭ. އެކަމަކު ދެން އޮތް ފިޔަވަޅަކީ އަހަރެމެންގެ ލެވެލް މަތިކޮށް ފިޒިކަލީ، މެންޓަލީ އަދި ޓެކްޓިކަލީ ސަމާލުކަން ދިނުން."
ރަންގްނިކް ބުނީ ލީޑުގައި އޮވެ ލީޑު ގެއްލުމުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށާއި ކުޅުންތެރިންނަކީ ވެސް އިންސާނުން ކަމަށާއި އެއީ ރޮބަޓްތަކެއް ނޫން ކަމަށެވެ. އަދި ކުޅުންތެރިންނާ ކަލްބުގެ ސައިކޮލޮޖިސްޓް ވަކިވަކިން ބައްދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:15 ގަ އެވެ.