15 ފެބުރުއަރީ 2022 - 13:03

އިންޑިއާގެ މީހެއްކަން އެނގުމުން އިންޑިއާގެ ޑޮކްޓަރަކު މަގުމައްޗަށް ބޭލުވި މައްސަލައެއް ދިމާވެފައިވާ ކަމަށާއި މިއީ ރާއްޖޭގައި އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ނުރައްކާ ބޮޑުވެފައިވާ މިންވަރުގެ މިސާލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަދިި މި ސަރުކާރުގައި އިންޑިއާގެ ނުފޫޒަށް ދީލާލައި ގައުމީ ސަލަމާތަށް ނުރައްކާވެފައިވާ ކަމުގެ ތުހުމަތާ އެކު އެކި ރަށްތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި އަޑު އުފުލަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލައި ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ އެއްބަސްވުންތައް އުވާލާށެވެ.
ފުޅާކޮށްފައިވާ މި ކެމްޕޭން ހުއްޓުވަން، ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންނާ އެކު ތިބި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.
ވަކި ގައުމާ ދެކޮޅަށް ހިޔާލުފާޅުކުރުން ހުއްޓުވަން ގާނޫނެއް ހެދުމަކީ އެމްޑީޕީން ވަކާލާތުކުރާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާ މުޅިން އިދިކޮޅު ހަރަކާތެކެވެ. ގާނޫނުއަސާސީން ދީފައިވާ ހައްގުތައް ހަނިވާ ގޮތަށް ބިލެއް ހުށަހެޅުމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ހައްލެއް ހޯދަން ޖެހިފައިވާ މިންވަރަށް އިދިކޮޅުގެ ހަރަކާތުން ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. ހިޔާލުފާޅުކުރުމަށް މި ބިލުން ހުރަސްއެޅޭކަން ސާފުކޮށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ނުރައްކާވަމުން އަންނަ ހަރަކާތާ މެދު ހައްލެއް ހޯދަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ މީހުންނާ މެދު އަނިޔާވެރި އަމަލެއް ހިނގާފާނެތީ އެ ގައުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
"މި ދޭތެރެއަކުން އިންޑިއާގެ ޑޮކްޓަރަކު ޓެކްސީއަކުން ވެސް ބާލައިފި. ރަށްރަށުގައި 200 މީހުން އެއްކޮށްގެން އެ ދައްކާ ފޮޓޯ އިން ނެރޭ ފިތުނައިން ވަރަށް ނުރައްކާ ހިސާބަށް ކަންކަން ގޮސްދާނެ،" ފައްޔާޒް ވިދާޅުވި އެވެ.
އިންޑިއާ ދެކޮޅު ކެމްޕޭނަކީ ފައްޔާޒް ވިދާޅުވި ގޮތުގައި، އިދިކޮޅުން ހަގީގަތް ފޮރުވައިިގެން ތިބެ ހިންގާ ސިޔާސީ ހަރަކާތެކެވެ. އޭގައި ތުހުމަތުކުރާ މިލިޓަރީ ބަޔަކު ރާއްޖޭގައި ނެތް ކަމަށާއި މިހާރު ވެސް ތިބީ ޔާމީންގެ ވެރިކަމުގައި ގެނައި މީހުން ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގައި މާބޮޑަށް ގުޅުން ބަދަހިކޮށްފައިވާ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ދިފާއުކުރައްވައި ފައްޔާޒް ވިދާޅުވީ އިންޑިއާއާ އެކު ހާއްސަ ގުޅުމެއް އޮންނަންޖެހޭ ކަަމަށެވެ. ކާޑުގެ ހުރިހާ ބާވަތެއްގެ ގެރެންޓީ އޮންނަނީ އިންޑިއާ އިން ކަމަށާއި ޗައިނާ އިން އެ ގެރެންޓީ އަދި ނުދޭ ކަމަށް ވިދާޅުވި އެވެ.
މި ކަންކަމަށް ބުރޫއަރާ ގޮތަށް ކެމްޕޭން ހިންގުމަކީ މަޖިލީހުން އަދި ސަރުކާރުން ވެސް ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގައި ފައްޔާޒް ދެކެވަޑައިގަންނަވަ އެވެ.
"މުޒާހަރާކުރަންވީ، އެކަން ނުހުއްޓުވަން. ނަމަވެސް އިންޑިއާ އައުޓް ކިޔައިގެން ކުރާ ކަމުގެ އަސަރު ފޯރަން ފަށައިފި. އިގްތިސާދު މި ހިންގަނީ އެންމެ ގިނައިން ޓޫރިސްޓުން އިންޑިއާ އިން އައިސްގެން. އަދި ޗައިނާ އިން އެކަކު ވެސް ނާދޭ މިދިޔަ ދެ އަހަރުގެ ތެރޭގައި،" ފައްޔާޒް ވިދާޅުވި އެވެ.
"އިގްތިސާދު މިގޮތަށް ބުރަވެފައި އޮންނަ އިރު ހަގީގަތެއް ނެތް ކަމެއްގެ މައްޗަށް އިންޑިއާ އައުޓް ހިންގުން މައްސަލައަކީ. އިންޑިއާގެ ޕްރެޒެންސެއް އޮތް ނަމަ ދެކޮޅު ހަދަންވީ. އެކަމަކު އެންމެންނަށް އެނގޭ އެކަން އޮވެގެން ނޫން ކަން މިއުޅެނީ، ބޭސްތަކެއް ހަދައިގެން އިންޑިއާގެ މިލިޓަރީ ތިބި ކަމަށް ބުނުން އެއީ ރޯ ބުހުތާނު ދޮގު. ޔާމީންގެ ވެރިކަމުގައި ތިބި ބަޔަކު އަދިވެސް ތިބީ."