06 ޖޫން 2016 - 17:36

ރޯދަމަހު ފިނިބުރު ޖަހަން ނުކުންނަ މީހުންނަށާއ އާއްމުންނަށް ފަސޭހަ ވާނެ ގޮތަކަށް މާލޭގެ ޓްރެފިކަަށް ބޮޑު ބަދަލުތަކެއް ގެނެސްފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިސްގެ ފަރާތުން ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޒުހާން ވިދާޅުވީ ކޮންމެ ރޯދަމަހެއްގައި ވެސް ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ އާއްމުންގެ ރައްކަލަށާއި ފަސޭހަ އަށްޓަކައި ކަމަށެވެ. މި ފަހަރު ގެނައި ބަދަލުތަކާ އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ރޯދަ މަހުގެ ހަވީރު ވަގުތަކީ ބޮޑުތަކުރުފާނު މަގާއި ބޮޑެތި މަގުތަކަށް އެންމެ ބާރު ބޮޑު އެއް ވަގުތެވެ. އެއީ ދިވެހިން އާދަކާދައިގެ މަތިން ފިނިބުރު ޖަހަން ނުކުންނަ ވަގުތެވެ. އެކަމަށް ހައްލު ހޯދުމަށް ފުލުހުންނާއި ހައުސިން މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ވަނީ، ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން ފެށިގެން 6:30 އާ ދެމެދުގެ ވަގުތުތަކުގައި ބައެއް މަގުތަކުގައި އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައިފަ އެވެ. މިގެނައި ބަދަލުން ބޮޑުުތަކުރުފާނު މަގު އައިފާން ބިލްޑިންގުން ފެށިގެން ޓަސްޓަކޫލާސާއާ ހަމައަށް ދެން ދުއްވޭނީ ހުޅަނގުން އިރަށް، އުތުރުން ދެކުނަށެވެ.
މީގެ އިތުރުން ހަވީރު 4:00-6:00އާ ހަމައަށް ރަސްފަންނު ބަންދުކުރުމުން ދިމާވެދާނެ ޓްރެފިކް މައްސަލަތައް ހަައްލުކުރުމަށް ކަނބާ އައިސާ ރަނި ހިނގުން، ތާޖުއްދީން ހިނގުމުން ފެށިގެން މަޖީދީމަގާ ހިސާބަށް ދެ ކޮޅަށް ދުއްވޭ ގޮތަށް ހަދާނެ ކަމަށް ޓްރެފިކް ފުލުހުން ބުންޏެވެ.
"ކަނބާއައިސާ ރަނި ހިނގުމުގެ ދެކުނުން އުތުރަށްދާ ހަތަރުފުރޮޅުލީ ދުއްވާއެއްޗެހި މަޖީދީމަގުން އިރަށް ދިއުމަކީ އެދުމެއް... އެންމެ ފަސޭހަ ގޮތަކީ މަޖީދީ މަގުން އޯކިޑް މަގުން ގޮސް ޗާނދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުތުން،" ޒުހާން ވިދާޅުވި އެވެ.