16 ފެބުރުއަރީ 2022 - 06:15

ނެޓްފްލިކްސް އިން ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ވެސް ހިމެނޭ އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިޓުވި "ބްރިޖަޓަން"ގެ ދެ ވަނަ ސީޒަންގެ ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ.
ކޮވިޑްގެ ތެރޭގައި ގިނަ ބަޔަކު ގޭގައި ތާށިވެފައި ތިއްބައި، 2020 ގައި ނެޓްފްލިކްސް އިން ގެނެސްދިން ޕީރިއަޑް ޑްރާމާ ބްރިޖަޓަން ވަގުތުން ބޮޑު ހިޓަކަށްވި އެވެ. އަދި އޭގެ ފަހުން އެ ޝޯގެ ދެ ވަނަ ސީޒަނަށް އެތައް ބަޔަކު ތިބީ ކެތް މަދުވެފަ އެވެ. އެންމެ ފަހުން މި އޮތީ އެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެ ކަމުގެ އުއްމީދެވެ.
ނެޓްފްލިކްސް އިން އަލަށް ނެރުނު ޓީޒާއިން އާ ސީޒަންގައި ފެންނާނެ ކާސްޓުންނަށް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެ އެވެ. މި ސީޒަންގައި ކާސްޓަށް މުޅިން އާ އެކްޓަރުންތަކެއް ނަގާފައިވެ އެވެ.
މި ސީޒަންގައި ބޮޑަށް ދައްކާނީ އެންތަނީ ބްރިޖަޓަން ދިރިއުޅުމެވެ. ބްރިޖަޓަން އާއިލާގެ އެންމެ ދޮށީ ދަރިފުޅު އެންތަނީގެ ހަޔާތަށް މި ސީޒަންގައި އަލިއަޅުވާލާ އިރު، އޭނާ މަސައްކަތް ކުރާނީ ކައިވެނި ކުރާނެ މީހަކު ހޯދުމަށެވެ.
މަޝްހޫރު ސީރީޒް "ގޮސިޕް ގާލް" ބެލި މީހުންނަށް މި ޝޯ ވަރަށް ކަމުދެ އެވެ. "ގޮސިޕް ގާލް" ގޮތަށް މީހުންގެ ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރާ ނޫހެއް ބްރިޖަޓަންގައި ގެންގުޅެ އެވެ. ބްރިޖަޓަންގެ ވާހަކަތައް ނެރޭޓްކުރަނީ އެ ސިއްރު ނޫހުގެ ވެރިޔާ "ލޭޑީ ވިސްލްޑައުން" އެވެ.
މި ޝޯގެ ދެ ވަނަ ސީޒަން އަންނަ މަހުގެ 25 ގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.