ސޫޓީގެ ހިޖާބަށް އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް!
ސޫޓީގެ ހިޖާބަށް އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް!

މިއީ ސ. ފޭދުއަށް އުފަން ސޫދާ މުހައްމަދެވެ. އުމުރުން 30 އަހަރުގައި މާސްޓާސް އަށް ކިޔަވަމުން، ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން، މަންމައެއްގެ ރޯލު އަދާކުރަމުން ފިރިމީހާއާ އެކު މާލޭގައި ދިރިއުޅެމުން އަންނަ ޒުވާނެކޭ ބުނީމަ، ހަމަ މިގޮތަށް މާލޭގައި ދިރިއުޅޭ ޒުވާން އެހެން މަންމައިންނަށް މި ލައިފާއި އޭގެ ބުރަ، ވަރަށް ރަނގަޅަށް އިހުސާސްކޮށްލެވޭނެއެވެ. އަދި ބައެއް މީހުން ހިތަށް އަރާނީ މިހެންނެވެ. – ތިވަރުން ދެން އިތުރު ކަމެއް ކޮށްފައި ހުވަފެނެއް ހަގީގަތަކަށް ހަދާނީ މަ ކިހިނެއް ހެއްޔެވެ؟ -- ރަނގަޅު ސުވާލެކެވެ. އަދި ތެދެކެވެ. މާލޭގައި ދިރިއުޅޭ ނަމަ، ވަރަށް ގިނަ މީހުންނަށް ޕްލޭންކޮށްލެވެނީ ކައިވެނިކުރާނެ ރީތި ޑޭޓެއް އެކަންޏެވެ. ކުޑައިރުގެ ހުވަފެނެއް ނުވަތަ ތިމާ ދެން ކުރާނެ ކަމެއް މަތިން ހަނދާނެއް ވެސް ނުހުރެއެވެ.

ސޫޓީގެ ހިޖާބަށް އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް!
ސޫޓީގެ ހިޖާބަށް އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް!

އެކަމަކު ސޫދާ މުހައްމަދަކީ އަދި މުޅިން ތަފާތު ވާހަކައެކެވެ. ނުވަތަ ބްރޭންޑެކެވެ. -- އުމުރުން 30 އަހަރުގައި މާސްޓާސް އަށް ކިޔަވަމުން، ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން، މަންމައެއްގެ ރޯލު އަދާކުރަމުން ފިރިމީހާއާ އެކު މާލޭގައި ދިރިއުޅެމުން، ކޮންމެ ދުވަހަކުވެސް އޭނާގެ "ކުޑައިރުގެ ހުވަފެނަށް" ހޭލައި އޭގައި ކުލަ ޖައްސަމުން އަންނަ ޒުވާނެކެވެ.

އޭނާގެ މި ލައިފްސްޓައިލް މިއަދު އަހަރެމެންނަށް ކިޔައިދޭ ވާހަކައިގެ ނަމަކީ "ސޫޓީ" އެވެ. ކުޑައިރުއްސުރެން ފެށިގެން ސޫދާ ބަލަމުން ދިޔަ "ލަގްޒަރީ އަމިއްލަ ބްރޭންޑެއް" ގެ ހުވަފެން ހަގީގަތަށް ހަދައިދިން އަސްލެވެ.

"މޮޑެސްޓް ފެޝަނަކީ އަޅުގަނޑު އަބަދުވެސް ވަރަށް ޝައުގުވެރިވާ ދިމާލެއް. އަޅުގަނޑަކީ ޓްރެންޑްވާ ހުރިހާ ސްޓައިލަކަށް އުޅޭ މީހެއް ނޫން. އެކަމަކު ބުރުގާ އަޅަން ފެށީއްސުރެން އަބަދުވެސް މޮޑެސްޓް ފެޝަން ސްޓައިލަށް ޝައުގުވެރިވި މީހެއް،" ސޫދާގެ ނަމުން ސޫޓީއެއް އުފަންވެ، އެ 'ސޫޓީ" ބްރޭންޑަކަށް ބަދަލުކޮށްލުމުގެ ދަތުރު ފެށުނު ގޮތް ވަރަށް ކުރިން ފަށައިގެން ކިޔައިދިނެވެ.

"ޔޫޓިއުބު ޗެނަލްތަކުން ހިޖާބު ސްޓައިލިން އަށް ތައާރަފްވެ އިންސްޕަޔާވެ ވަރަށް ބޮޑަށް މޮޑެސްޓް ފެޝަންގެ ތެރެއަށް ވަދެވިގެންދިޔައީ. އޭރު ހިތަށް އަރަނީ އެގޮތަށް ސްޓައިކޮށްލެވޭ ހިޖާބާއި މެޓީރިއަލްސް ރާއްޖެއިން ވެސް ލިބޭނެނަމައޭ."

"ރާއްޖެ އިން ބޭރަށް ގޮސް ޝޮޕިންކުރާއިރު ވެސް މޮޑެސްޓް ފެޝަން އައުޓްލެޓުތައް ފެނުނީމަ އަބަދުވެސް ހިތަށް އަރާ އަހަރެން ވެސް ކޮންމެވެސް ދުވަހަކުން އެކަހަލަ ބްރޭންޑެއް، އަމިއްލަ ބްރޭންޑެއްގެ ގޮތުގައި އުފައްދައިގެން ހިންގާނަމޭ،" ސޫދާ ކިޔައިދިނެވެ.

"ކުޑައިރު ވެސް އަހަރެން ހިތަށް އެރީ ބޮޑުވެގެން އަހަރެން ވާނީ ބިޒްނަސްވުމަންއަކަށޭ. އެއީ އަބަދު ބިޒްނަސްމަނުންގެ ވާހަކަ އަޑުއިވޭތީ."

އޭނާގެ ވާހަކައިގައި ސަމާސާ ރާގެއް ކުޅެލިއެވެ. އެކަމަކު ސޫދާގެ "ސޫޓީ" ބްރޭންޑަކީ ސަމާސާއެއް ނޫނެވެ. އޭނާ ބުނާ ގޮތުން ނަމަ އަދި އޭނާގެ ވަފާތެރި ކަސްޓަމަރުން ވެސް ބުނާ ގޮތުން ނަމަ، މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ ކޮލިޓީ ހިޖާބެވެ.

ސޫދާގެ މި ހިޖާބުތައް އޭނާ ޕްރޮމޯޓްކޮށް މާކެޓްކުރަނީ ވެސް ހައި ފެޝަން، ލަގްޒަރީ ލޭބަލެއްގެ ގޮތުގައެވެ. އެކަމަކު މި ވާހަކައެއް މި ހިސާބަށް އައީމަ ބައެއް މީހުން ހިތަށް އަރާނީ އެއްކަލަ ލަގްޒަރީ ހޯމް ސްޓޭ ގެސްޓްހައުސްގެ ވާހަކައެވެ.

އެހެންވީމަ ސުވާލަކީ މިއެވެ. ލަގްޒަރީ ލޯކަލް ބްރޭންޑަކަށް "ސޫޓީ" ވަނީ ކިހިނެއް ހެއްޔެވެ؟ އަދި ލަގްޒަރީ ވުމުގެ ސެޓްފިކެޓަކީ ކޮބައިތޯ އެވެ؟ އަދި ވެސް އެއް ސުވާލެވެ. – ލަގްޒަރީ ބުރުގާއެއް ނުވަތަ ޕްރިމިއަމް ކޮލިޓީގެ ހިޖާބެއް ބުރުގާ އަޅާ މީހަކަށް މުހިންމު ވަނީ ކިހިނެތް، ކޮން ސަބަބުތަކަކާ ލައިގެން ހެއްޔެވެ؟

މަށަކަށް ނޭނގެއެވެ.

އެހެންވީމަ ސޫދާ މުހައްމަދުގެ އަތުގައި އޮތީ ކޮން ޖަވާބެއްތޯ ބަލައިލަމާ ހިނގާށެވެ.

"ލަގްޒަރީ ޕްރޮޑަކްޓެއްގެ އެންމެ މުހިންމު ސިފައަކީ އޭގެ ކޮލިޓީ. އަދި އެ ކޮލިޓީ ދެމެހެއްޓުން. ލިބެން ހުންނަ އެހެން އެއްޗެއްސާ ތަފާތުވުން. ލުކްސް އާއި އެކްސްޕީރިއަންސް އަދި ސްޓައިލްގެ ގޮތުން ވެސް. އެހެންވީމަ މި އަންނަނީ އޭގެ އަގުގެ ތަފާތެއް ވެސް،" ސޫދާ ސާދާކޮށް ކިޔައިދިނެވެ.

އޭނާގެ "ސޫޓީ" ބްރޭންޑްގެ ވެސް އެންމެ ހާއްސަ ސިފައަކީ އޭގެ "އެކްސްޕީރިއަންސެވެ." ސޫދާ ބުނީ އޭނާގެ މި ބްރޭންޑް އަސާސަކީ ވެސް އެ ސިފަ ކަމަށެވެ.

"ރާއްޖެއިން ބޭރުން ހިޖާބުތަކެއް ގެނެސްގެން ވިއްކަނީކީއެއް ނޫން. ވަރަށް ރަނގަޅަށް ދިރާސާކޮށް ބަލައި، އޭގެ ކޮލިޓީ ބަލައި ޗެކުކޮށް ޓެސްޓްކޮށް އެތައް ދުވަހެއް ވަންދެން ކުރިއަށް ގެންދާ ޕްރޮސެސްއަކަށް ފަހު ކަސްޓަމަރުންނާ ހަމަ އަށް އަޅުގަނޑުމެންގެ އުފެއްދުންތައް މި ގެނެސްދެނީ،" ސޫދާ ކިޔައިދިނެވެ.

"އެންމެ މުހިންމު ކަމަކީ، ހިޖާބު އަޅައިގެން އެމީހަކަށް އެކުރެވޭ އެކްސްޕީރިއަންސް. އެހެންވީމަ އަޅުގަނޑުމެން އަދި މި ވިއްކަނީ ހަމައެކަނި ފިޒިކަލީ މިހެން އަތްލެވޭ، ބޮލުގައި އަޅާލެވޭ ފޮތިކޮޅެއް ނޫން. އޭގެ އަރާމާއި ފަސޭހަ ތަޖުރިބާކޮށްލަން ލިބޭ އުފެއްދުމެއް މުޅި ދުވަހު އަޅައިގެން އުޅުނަސް ވެސް."

ދެން އޭނާ ކިޔައިދިނީ ވަރަށް މުހިންމު ވާހަކައެކެވެ. އަހަރެން ބުރުގާ ނާޅާތީ ފަހަރެއްގައި އަހަރެންނަށް މި ވާހަކައެއް އިތުރަށް ޝައުގުވެރިވީ ކަމަށް ވެދާނެއެވެ.

"ބުރުގާ އަކީ ބޮލުގައި އަޅާ އެއްޗަކަށްވީމަ އަނެއްކޮޅުން މުޅި ދުވަހު އަޅައިގެން އުޅޭ އެއްޗަކަށްވީމަ މެޓީރިއަލް ވަރަށް ވެސް މުހިންމުވާން ޖެހޭ. ގިނައިރު އެގޮތަށް ބޭނުންކުރަން ފަސޭހަ، އަރާމު އެއްޗަކަށްވުން އެއީ ވަރަށް މުހިންމު ކަމެއް،" ސޫދާ ކިޔައިދިނެވެ.

"މިސާލަކަށް ބައެއް މީހުންނަކީ ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން ވެސް، މަސައްކަތުގައި، ބޭރުގައި އުޅޭއިރު ވެސް ބުރުގާ އަޅައިގެން އުޅެން ޖެހޭ މީހުން. މެޓީރިއަލްސްގެ ގޮތުން ބޮލުގައި ރިއްސުން ކަހަލަ ކަންކަން ވެސް ތަޖުރިބާކުރަން ޖެހޭ. ހިޖާބު އަޅާ ކުދިންނަށް މިކަން ބޮޑަށް އެނގޭނެ. އެހެންވީމަ މުޅި މި އެކްސްޕީރިއަންސް، ބޮލަށް ފަސޭހަ، އަރާމު އަދި ހިތްގައިމު ކަމަކަށް ބަދަލުކޮށްލަދިނުން އެންމެ ބޮޑު ބޭނުމަކީ އަދި އަމާޒަކީ މި ބްރޭންޑްގެ."

"ހިޖާބުގެ އިތުރުން އަޅުގަނޑުމެން ހިޖާބުގެ ދަށުން ބޮލުގައި އަޅާ އިނާކެޕް ވެސް ތައްޔާރުކުރަން. މި ހުރިހާ އެއްޗެއް ޑިޒައިންކޮށް ތައްޔާރުކޮށްފައި ވަނީ ބޭނުންކުރާ މީހާގެ ބޮލަށާއި އިސްތަށިގަނޑަށް ވެސް އަރާމުވާނެ ގޮތަކަށް. ފަސޭހަވާނެ ގޮތްގޮތަށް އިސްކަންދީގެން. ވައި ރަނގަޅަށް ދައުރުވާނެ ގޮތާއި ފިނިވާނެ ގޮތްގޮތަށް ވިސްނައިގެން."

"ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ހޫނު ތަނެއްގައި ބޭނުންކުރަން އެންމެ އެކަށީގެންވާ މިންވަރަށް. އެއީ ފެންނަ ސިފައަށް ވުރެ ބޮޑަށް މުހިންމީ އެ އެއްޗަކުން ކުރެވޭ ތަޖުރިބާ ކަމަށްވާތީ."

ސޫދާ ބުނީ އޭނާގެ ބްރޭންޑާ ވާދަވެރި އެހެން ލޯކަލް ހިޖާބު ބްރޭންޑްތައް މިހާރު އާންމުވަމުން އަންނަ ކަމަށެވެ. ނަމަވެސް ސޫޓީގެ ފެންވަރަށް ސޫޓީގެ ކަސްޓަމަރުން ހެކިވާނެ ކަމަށެވެ.

"ގިނަ މީހުން ގެނެސްގެން މި ވިއްކަނީ ތައްޔާރުކޮށްފައި ހިޖާބުތައް. އޭގެ ބަދަލުގައި އަޅުގަނޑުމެން މި ގެނެސްދެނީ ފޮއްޗާއި މެޓީރިއަލް ހޯދައި ދިރާސާކޮށް ބަލައިގެން ވަކި ކޮލިޓީތަކެއް، ވަކި ސިފަތަކެއް ހަމަވާ އުފެއްދުންތަކެއް. މިއީ އޭ ޓު ޒެޑް ވަރަށް ބޮޑަށް ކަސްޓަމައިޒްޑް، ރާއްޖޭގެ މާހައުލަށް ވަރަށް ހާއްސަ ގޮތަކަށް ވިސްނައިގެން ތައްޔާރުކުރާ ހިޖާބުތަކެއް."

ދެން މި އޮތީ 'އެއްކަލަ' ސުވާލެވެ. ނުބުންޏަސް އެނގެއެއް ނޫން ހެއްޔެވެ. އެހެންވީމާ މިހައި ހިސާބުން ނިންމަން ހިނގާށެވެ. "ސޫޓީ" ގެ ފިންޏާއި އަރާމު މިހާރުވެސް ކިޔުންތެރިންނަށް އިހުސާސުވާނެ ކަމަށް އުއްމީދުކުރަމުންނެވެ.

އެކަމަކު "ސޫޓީ" އާއި ސޫދާގެ ހުވަފެން މިހައި ހިސާބުން އަދި ނިމުނީއެއް ނޫނެވެ. "ސޫޓީން" ގޮފިތައް ފެޅުން އަދި ކުރިއަށް އޮތީއެވެ.

ސޫދާ ބުނަނީ މިހެންނެވެ.

"އަދި މިކުރެވުނީ ވަރަށް ކުޑަވަރެއް. އެކަމަކު ވެސް ވަރަށް ހިތްހަމަޖެހޭ. އަދި މަސައްކަތް ކުރިއަށް އޮތީ. އެހެންވީމަ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި ދަނީ. މި ހާސިލުކުރެވުނީ އަދި ވަރަށް ކުޑަ މިންވަރެއް."

ފާޑުކިޔުންތެރިންނަށް ވެސް ސޫދާގެ ސާދާ މެސެޖެއް އެބައޮތެވެ.

"އެކި މީހުންގެ ހިޔާލު ތަފާތުވާނެ. އެކަމަކު އެ ހުރިހާ ހިޔާލުތަކަކަށް ވެސް އަޅުގަނޑު އިހުތިރާމްކުރަން. އެކަމަކު ވަކި ބަޔަކު އަދި ވިސްނާ ގޮތެއް އަޅުގަނޑަކަށް ބަދަލެއް ނުކުރެވޭނެ ދޯ. އެއްގޮތަކަށް ވެސް ސަމާލުކަމެއް ނުދެން ނެގެޓިވް ހިޔާލުތަކަކަށް،" އޭނާ ބުނެލިއެވެ.

"އަޅުގަނޑު މި މަސައްކަތްކުރަނީ އަޅުގަނޑުގެ ހުވަފެނެއް ހަގީގަތަކަށް ހަދަން."

އެއީ ތެދެކެވެ. ކޮން ފާޑެއް ހެއްޔެވެ! ހުވަފެނުގައި ކުލަ ޖައްސާފަ ގުޅާށެވެ. އޭރަށް ޕްރޮފައިލް ލިޔެދޭނަމެވެ.