15 ފެބުރުއަރީ 2022 - 06:27

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން އާއި އޭނާގެ އާ ލޯބިވެރިޔާ ސަބާ އަޒަދުގެ ގުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމުގެ އިޝާރާތެއް ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ހާން ދީފި އެވެ.

އުމުރުން 48 އަހަރުގެ ރިތިކް އާއި ސުޒޭން ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. އެކަމަކު ގާތްގަނޑަކަށް 14 އަހަރު ފަހުން، 2014 ގައި އެ ކައިވެނި ރޫޅުނު ނަމަވެސް އެމީހުން ފެންނަނީ ދެ ދަރިންގެ ކަންކަމުގައި ވެސް އެކުގައި އުޅޭ ބައެއްގެ ގޮތުގަ އެވެ. އަދި ދަރިން ގޮވައިގެންދާ ޗުއްޓީ ދަތުރުތަކުގައި ވެސް ދެ މީހުން އެކުގައި ބައިވެރިވެ އެވެ.
މި މަހުގެ ކުރީކޮޅު ރިތިކް އާއި ސަބާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސުޒޭން މިވަނީ ސަބާ، ތަނެއްގައި ލަަވަކިޔާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް، ސަބާ ވަރަށް ކޫލް ކަމަށާއި އަދި އެހާމެ ހުނަރުވެރި ކަމަށް ބުނެފަ އެވެ. އަދި އެ ޕޯސްޓަށް ޝުކުރު އަދާކޮށް، ސަބާ ވަނީ އޭނާގެ ޝޯ ބަލާލަން ސުޒޭން އެތަނަށް ދިއުމުން އުފާވާ ކަމަށް ބުނެފަ އެވެ.
މި ޕޯސްޓާ އެކު މި ދެމީހުންގެ މެދުގައި ގުޅުން ރަނގަޅު ކަން އެނގެ އެވެ. ސަބާ އާއި ރިތިކް ރައްޓެހިވި އިރު ސެޒޭން ވެސް އެހެން މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 32 އަހަރުގެ ސަބާ އަކީ ބައެއް ފިލްމުތަކުގައި އެކްޓްކޮށްފައިވާ ފަންނާނެކެވެ. އަދި މިއުޒިޝަނެއް ވެސް މެ އެވެ.