ރަޝިޔާގެ އުދުވާނަށް އެމެރިކާއިން ހަރުކަށި ރައްދެއް ދޭނެ
ރަޝިޔާގެ އުދުވާނަށް އެމެރިކާއިން ހަރުކަށި ރައްދެއް ދޭނެ

ރަޝިޔާ ސިފައިން ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދީފި ނަމަ، ޔޫކްރޭންގެ ދިފާއުގައި އެމެރިކާ އިން ވަރަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔޫކްރޭންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ދަންނަވައިފި އެވެ.

ދެ ރައީސުން ގަޑިއެއްހާ އިރު ވަންދެން އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކާ ބެހޭ ގޮތުން، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ، ޔޫކްރޭނަށް އިތުރު އުދުވާނީ ހަމަލާއެއް ދިނުމަށް ރަޝިޔާ ސިފައިން ކުރިއަށް ފިޔަވަޅެއް އަޅައިފި ނަމަ، އެމެރިކާ އިން ވަރަށް އަވަހަށް ހަރުކަށި ރައްދެއް ދޭނެ ކަމަށެވެ.
ޔޫކްރޭންގެ މައްސަލައިގައި ދެ ރައީސުން މި މަޝްވަރާ ކުރެއްވީ، މި ހަފުތާގެ ތެރޭގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަތުމަށް ތައްޔާރުވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައިވަނިކޮށެވެ.

ވައިޓް ހައުސް އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގެންފި ނަމަ، އެކަމަށް އެމެރިކާ އިން ރައްދު ދޭނީ އެމެރިކާގެ ބައިވެރިންނާ ގުޅިގެންނެވެ. އެހެން ނަމަވެސް ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ޑިޕްލޮމެޓިކް ދާއިރާ އިން އިތުރު މަސައްކަތް ކުރުމަށް ދެ ރައީސުން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.

ދެ ރައީސުންގެ މަޝްވަރާތަކުގައި ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ މާލީ އެހީ އާއި އަސްކަރީ އިތުރު އެހީތެރިކަމަށް ބައިޑެންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި ރައީސް ބައިޑެން ޔޫކްރޭނަށް ވަޑައިގަތުމަށް ވެސް ޒެލެންސްކީ އެދިވަޑައިގަތެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތައް އޮތީ ޔޫކްރޭނާ އެކުގައި ކަން ރަޝިޔާ އަށް ސާބިތުކޮށްދިނުމަށްޓަކައި، ޔޫކްރޭނަށް އިގްތިސާދީ ގޮތުން އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދަ އެހީތެރިކަމެއް ލިބިއްޖެ ނަމަ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާ ސިފައިން އަސްކަރީ ގޮތުން ހިންގާ ހަރަކާތްތަކުގެ ނަތީޖާއެއް ނެތްކަން ރަޝިޔާ އަށް ކަށަވަރުވާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި، ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ އިސް ވެރިންނާ އެކުގައި ބައްދަލުވުމެއް ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ޔޫކްރޭނުން ބުނީ އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރި އަށް ރަޝިޔާގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްގެން ކުރަން އުޅެނީ ކޮން ކަމެއްކަން، ރަޝިޔާގެ ފަރާތުން ސާފުކޮށް އެނގެން ބޭނުންވާ ކަމަށެވެ. ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލެބާ ވިދާޅުވީ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކުގެ މަގްސަދު ސާފުކޮށްދިނުމަށް އެދި ލިޔުން ހުށަހެޅި ހުށަހެޅުމަށް ރަޝިޔާ ސަރުކާރުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

އެހެންކަމުން ދެން އެޅެން އޮތް ފިޔަވަޅަކީ، އެ މަގްސަދު ސާފުކުރުމަށްޓަކައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުން ކަމަށް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.