ބުޅަލަށް އަނިޔާކުރި ޒޫމާ ޓީމަށް ނުނެގުމުގެ އުޒުރަކަށް ދެއްކީ ބަލި
ބުޅަލަށް އަނިޔާކުރި ޒޫމާ ޓީމަށް ނުނެގުމުގެ އުޒުރަކަށް ދެއްކީ ބަލި

ވެސްޓް ހޭމް (ފެބްރުއަރީ 14) - ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ވެސްޓް ހޭމް 2-2 އިން ރޭ އެއްވަރުވި މެޗުގައި ކާޓް ޒޫމާ އެންމެ ފަހު ވަގުތު ޓީމުން އުނިކުރީ އޭނާ ބަލިވެ އުޅޭތީ ކަމަށް ކޯޗު ޑޭވިޑް މޮޔެސް ބުނެފި އެވެ.

ގޭގައި ގެންގުޅުނު ބުޅަލަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން ޒޫމާ، 27، އަށް ވަނީ އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ފްރާންސްގެ ޑިފެންޑަރު ޓީމުގައި ނުހިމެނުމަށް މޮޔެސް އަށް ވެސް ދަނީ ޕްރެޝަރު ކުރަމުންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސްޓް ހޭމް ޓީމުގައި ޒޫމާ ހިމެނުމުން ކޯޗަށް އިތުރަށް ޕްރެޝަރު ބޮޑުވި އެވެ.

އެކަމަކު ވެސް ލެސްޓާ މެޗަށް ނެގި ވެސްޓް ހޭމް ޓީމުގައި މޮޔެސް އެންމެ ފުރަތަމަ ވަނީ ޒޫމާ ހިމަނައިފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ޓީމުން އުނިކުރުމަށް ފަހު މޮޔެސް ބުނީ ޒޫމާ ބަލިވެ އުޅޭ ކަމަށެވެ.

"ކާޓް (ޒޫމާ) އުޅެނީ ބަލިކޮށް. މިއަދު (އިއްޔެ) ގެ ކެއުމުގައި ވެސް އޭނާ އަހަރެމެންނާ ބައިވެރިއެއް ނުވޭ،" ފްރާންސްގެ ޑިފެންޑަރާ ގުޅޭ ގޮތުން މޮޔެސް ބުންޏެވެ.

ބުޅަލަށް އަނިޔާކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޒޫމާ ވަނީ އެކަމަށް މައާފަށް އެދިފަ އެވެ. އަދި އެފަދަ އަމަލެއް ދެން ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ވެސްޓް ހޭމުން ވަނީ އޭނާގެ ދެ ހަފުތާގެ މުސާރަ އިން (ގާތްގަނޑަކަށް 340،000 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

ބުޅަލަށް އަނިޔާކޮށްފައިވާތީ ޒޫމާއާ އެކު އެޑިޑާސް އިން ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ވަނީ އުވާލައިފަ އެވެ.