14 ފެބުރުއަރީ 2022 - 11:15

ރާއްޖޭގައި ތަރައްގީ ކުރާ 75 ރިސޯޓަކާ އެކު އަލަށް ސޮއިކޮށްފައިވާ އެއްބަސްވުމާ އެކު ތިން އަހަރުގެ ތެރޭގައި އެ ރިސޯޓްތައް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް، ރިސޯޓު އަތުލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރިސޯޓު ހަދަން ރަށްތައް ދޫކުރުމުން ރިސޯޓު ނުހަދާ އެތައް އަހަރެއް ހޭދަވާ މައްސަލަ ކަމަށެވެ.
މިހާރު އޮންނަ ގޮތުން އެ ރިސޯޓު ނުހެދި އޮތުމުގެ ޒިންމާ ވެސް އެންމެ ފަހުން އުފުލަން ޖެހެނީ ސަރުކާރުން ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރަށް ހަވާލު ކުރާ ފަރާތާ އެކު އެއްބަސްވުމެއް ހަދަމުން އަންނަ ކަމަށާއި މިހާތަނަށް 75 ފަރާތަކާ އެކު އެ އެއްބަސްވުން ހަދާފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ދަށުން ތިން އަހަރުން ރިސޯޓު ހަދައި ނުނިންމައިފި ނަމަ އޮޓޮމެޓިކުން އެއްބަސްވުން ބާތިލު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އާންމުކޮށް ރާއްޖޭގައި ރިސޯޓެއް ހެދޭނެ ކަމަށް މި ބެލެވެނީ އެންމެ ބާރު ސްޕީޑުގައި ވެސް ދޮޅު އަހަރުން. އެހެންވެ ދޮޅު އަހަރުގައި ހަދަން ނުފެށޭ ރިސޯޓެއް އަނެއް ދޮޅު އަހަރުގެ ތެރޭގައި ވެސް ނިންމޭނެ ކަމަށް ނުބެލެވޭ،" މައުސޫމް ވިދާޅުވި އެވެ.
މިހާތަނަށް އެ އެއްބަސްވުން 75 ފަރާތަކާ އެކު ހަދާފައިވާތީ މީގެ ތިން އަހަރު ފަހުން 75 ރިސޯޓު ހުޅުވާނެ ކަމަށާއި އެހެން ނޫން ނަމަ އެއްބަސްވުން ބާތިލު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ރަށްތައް ހަދަމުންދާ ވަރު މިނިސްޓްރީން ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ