14 ފެބުރުއަރީ 2022 - 10:31

ހއ. އިހަވަންދޫގެ ގެއެއްގައި ހަދާފައިވާ ޕޮންޑަކަށް ގެއްލުންދީ މަސްތަކެއް ރޭ މަރާލައިފި އެވެ.
އެ ގޭގެ ވެރިފަރާތް، މުހައްމަދު އަކްރަމް "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި އެ ޕޮންޑްގައި އޭނާ ގެންގުޅޭ 67 މަަސް މަރައިލީ ރޭ ދަންވަރު 1-4 އާ ދެމެދު އެވެ. މަސްތައް މަރުވީ އެ އަށް ގުޅާފައި ހުރި ޕަމްޕާއި ވޭވް މޭކާގެ ނަރުތައް ބުރިކޮށްލާފައި ހުރުމުން މަސްތަކަށް އޮކްސިޖަން ނުލިބިގެން ކަމަށް އަކްރަމް ބުންޏެވެ.
"މަރުވީ ކާބްތަކެއް. ފަތިހު ޕަމްޕް ޖެހޭ އަޑު ނީވޭތީ ބެލިއިރު ހުރީ މަސްތައް މަރުވެފައި. ކުޑަކުޑަ ހަތަރު މަސް އިނީ މަރުނުވެ،" އޭނާ ބުންޏެވެ.
އަކްރަމް ބުނީ، އެ މަސްތައް މަރުވުމުން ލިބުނު ގެއްލުމުގެ އަގު 50،000ރ. އާ ގާތްކުރާއިރު، އޭނާ އެ ޕޮންޑް ގެންގުޅޭތާ ތިން އަހަރު ވަރު ވެދާނެ އެވެ. އޭގެ ކުރިން ވެސް އޭނާ މަސް ގެންގުޅުނުއިރު ޕޮންޑްގައި ފަސް އަހަރު ވެފައިވާ މަސް ވެސް ހުންނާނެ ކަމަށް އޭނާ ބުނެ އެވެ.
މީގެ ކުރިން ވެސް ދޭތެރެއަކުން ޕޮންޑުން މަސް ވަގަށް ނަގަ އެވެ. އެކަމަކު މި ކަހަލަ ބޮޑު ގެއްލުުމެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
"އެހެންޏާ ވެސް ދެ މަސް ތިން މަސް ހުރޭ ވަގަށް ގެންގޮސްފައި. މާ ބޮޑު ކަމަކަށް އަޅުގަނޑު ނުހަދަން ވަގަށް ގެންދިޔަަސް [ކުރިން]،" އަކްރަމް ބުންޏެވެ.
އެކަމަކު މި ފަހަރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް، ބަލަމުން އަންނަ ކަމަށް އޭނާ ބުނެ އެވެ.