މާސްކް ނާޅާ ހުރި މީހަކު ޝެޑަށް ނުވެއްދުމުން، އަމިއްލަ އަށް ޕެޓްރޯލް އަޅަން އުޅެފި
މާސްކް ނާޅާ ހުރި މީހަކު ޝެޑަށް ނުވެއްދުމުން، އަމިއްލަ އަށް ޕެޓްރޯލް އަޅަން އުޅެފި

ފޭސް މާސްކް ނާޅާތީ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަކަށް ނުވެއްދުމުން، އެތަނުގެ ސެކިއުރިޓީ އަށް ނުކިޔަމަންތެރިވެ، ޝެޑަށް ވަދެ އަމިއްލައަށް ޕެޓްރޯލް އަޅަން ފިރިހެނަކު މަސައްކަތް ކޮށްފި އެވެ.

ރޭގައި މިކަން ހިނގާފައި ވަނީ ކާނިވާ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާ ޝެޑަށް ނުވެއްދުމުން، އޭނާ ލައިގެން ހުރި ޓީޝާޓް ބާލައި، މޫނުގައި އަޅައިގެން ޝެޑުގެ ތެރެ އަށް ސައިކަލުގައި ވަދެ އެވެ. އޭނާގެ ސައިކަލަށް އެތަނުގެ މުވައްޒަފުން ޕެޓްރޯލް ނާޅައިދިނުމުން، ކައުންޓަރާ ހަމައަށް ދިއުމަށް ފަހު، އެނބުރި އައިސް އަމިއްލަ އަށް ޕެޓްރޯލް އަޅަން އުޅެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލް ޝެޑަކަށް ވެސް ވަދެވޭނީ މާސްކް އަޅައިގެން ކަމަށާއި އެއީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންވެ، ރައްކާތެރިކަމަށް އަޅާފައިވާ އެފަދަ ފިޔަވަޅުތަކަށް ކަސްޓަމަރުން އިހުތިރާމް ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

"ރޭގައި އެ ދިމާވި ކަންތަކާ ގުޅިގެން އަޅުގަނޑުމެން އެ ކަސްޓަމަރާ ވާހަކަދައްކައިގެން، އޭނާ އަށް ވިސްނައިދީގެން އެ މައްސަލަ ހައްލުކޮށްފައި ވާނީ،" ގަސަމް ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ފަހުން، އާންމު ތަންތަނުގައި މާސްކު އެޅުން އަދިވެސް މަޖުބޫރެވެ. އެކަމަކު މިހާރަކަށް އައިސް، އާންމު ތަންތަނުގައި މާސްކް ނާޅާ އުޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.