ވަގަށް ނެގި ލޯންޗު ހޯދައިދޭ މީހަކަށް 25،000ރ.
ވަގަށް ނެގި ލޯންޗު ހޯދައިދޭ މީހަކަށް 25،000ރ.

މިދިޔަ ހުކުރު ދުވަހުގެރޭ ކ. ގުޅީފަޅު ފަޅުތެރޭގައި އޮއްވައި ވަގަށް ނެގި ލޯންޗު ހޯދައިދިން މީހަކަށް 25،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފި އެވެ.

ވަގަށް ނެގި ލޯންޗު ހޯދައިދޭ މީހަކަށް 25،000ރ.
ވަގަށް ނެގި ލޯންޗު ހޯދައިދޭ މީހަކަށް 25،000ރ.

މިއީ ހުދު، ރަތް އަދި ކަޅުކުލަ ލާފައިވާ، ވޯޓަ ސްޕޯޓްސް ލޯންޗެކެވެ. ލޯންޗު ވަގަށް ނަގާފައިވަނީ އިންޖީނު އަޅައިގެން ބޭލިތާ މަހެއް ވެސް ނުވަނީހެވެ.

ލޯންޗުގެ ވެރިފަރާތުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އިންޖީނުގެ ގަޑި ހަމަކުރަން ހުކުދު ދުވަހު ދުއްވުމަށް ފަހު ގުޅީފަޅުގެ ފަޅުގައި ލޯންޗު ބޭއްވީ އިރުއޮއްސުނު އިރު އެވެ. އެ ލޯންޗު ބާއްވާފައި އޮތީ އެހެން ލޯންޗުތަކެއް ކައިރީގަ އެވެ. ލޯންޗު ގެއްލުނު ކަން އެނގުނީ ހޮނިހިރު ދުވަހުގެ ހެނދުނު އިންޖީނުގެ އަޑީތެޔޮ ބަދަލު ކުރަން ގުޅީފަޅަށް ދިއުމުންނެވެ.

ހަތަރު މީހުންގެ ޖާގަ ހުންނަ 14 ފޫޓުގެ ލޯންޗު ވަގަށް ނެގީ ރަޖިސްޓްރޭޝަންގެ ކަންތައްތައް އެއްކޮށް ނުނިމޭތީ އެ ބޭނުންކުރަން ވެސް ނުފަށަނީހެވެ. މި ލޯންޗަށް އޭނާ ވަނީ 300،000ރ. ހަރަދު ކޮށްފަ އެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލޯންޗުގެ ވެރިމީހާ ބުނީ ލޯންޗު ގެއްލުނު ރޭ ދަންވަރު 3:00 ހާއިރު 30 ފޫޓުގެ މަސް ދޯންޏެއްގެ ފަހަތުގައި ޖަހައިގެން ލޯންޗެއް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯންޏަކީ 30 ފޫޓުގެ ދޯންޏެއް ކަމަށާއި ގެގަޑުގައި ހުދު ކުލަ ހުރިއިރު ދޯނީގައި ހުރީ މަޑު ނޫކުލައެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ދޯނީގައި އެވަގުތު ތިން މީހުން ތިބި ކަމަށް ވެސް އެވަގުތު ގުޅީފަޅުގައި އޮތް އެހެން ދޯންޏެއްގެ މީހަކު މައުލޫމާތު ދިން ކަމަށް އޭނާ ބުންޏެވެ.

މި ލޯންޗާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 7997487 އަށް ގުޅައި ހިއްސާކޮށްދޭން ވެރިފަރާތުން އެދެ އެވެ.