13 ފެބުރުއަރީ 2022 - 22:18

މިލާން (ފެބްރުއަރީ 13) - އިޓާލިއަން ސެރީ އާގައި ސެމްޑޯރިއާ 1-0 އިން ބަލިކޮށް އޭސީ މިލާނުން ލީގު ތާވަލުގެ އެއްވަނަ އަށް މިރޭ ޖެހިލައިފި އެވެ.
މިލާނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އަށްވަނަ މިނިޓުގައި ޖަހައިދިނީ ރަފައެލް ލެއާއޯ އެވެ. ކީޕަރު މައިކް މައިނާން ކުރިޔަށް ފޮނުވާލި ބޯޅަ ހިފައިގެން ސެމްޑޯރިއާގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.
މައިނާންގެ ކުރިން، އޭސީ މިލާނުގެ ގޯލް ކީޕަރަކު ލީގުގައި ޓީމު މޮޅުވި ލަނޑު ޖަހަން އެހީވެފައި ވަނީ 2006 ވަނަ އަހަރެވެ. އެ އަހަރު ޑިޑާ ވަނީ އެސްކޯލީ އަތުން ހަމަ މި ނަތީޖާއިން މޮޅުވި ލަނޑު ޖަހަން މެޗުގެ ފަސްވަނަ މިނިޓުގައި ފިލިޕޯ އިންޒާގީ އަށް އެހީވެދީފަ އެވެ.
އޭސީ މިލާނުން މި މެޗުގައި އިތުރަށް ލީޑު ފުޅާކުރަން ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ސެމްޑޯރިއާގެ ކީޕަރު ވްލަޑިމީނޯ ފަލްކޯނޭ ވަނީ މޮޅު ސޭވަތަކެއް ކޮށްފަ އެވެ. ޖޫނިއާ މެސިއަސް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެއް ދިފާއު ކުރިއިރު، އޮލިވިއޭ ޖިރޫ ފޮނުވާލި އޯވާހެޑް ކިކެއް ވެސް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ. އެއަށް ފަހު ވެސް ޖިރޫ ބޮލުން ފޮނުވާލި ހަމަލާއެއް ބޯ މަތިން ގޯލަށް އޮއްސެން ދަނިކޮށް ބޯޅަ ބޭރު ކޮށްލި އެވެ. އަންޓޭ ރެބިޗް އާއި ސަންޑްރޯ ޓޮނާލީ ގާތްގާތުގައި ފޮނުވާލި ދެ ހަމަލާ ވެސް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ.
ލީގުގެ އެއްވަނައަށް އޭސީ މިލާން ޖެހިލީ، އިންޓަ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެ ޓީމުން 25 މެޗު ކުޅެގެން 55 ޕޮއިންޓް ހޯދާފައިވާއިރު، އިންޓަ މިލާން ދެވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުގެ ކުރިން އޭސީ މިލާން ލީގުގައި ކުޅުނު އެންމެ ފަހު މެޗުގައި ވަނީ ފަހަތުން އަރައި 2-1 އިން އިންޓަ މިލާން ބަލި ކޮށްފަ އެވެ.
އިންޓަ އިން ރޭ ވަނީ ތިންވަނައިގައި އޮތް ނަޕޯލީއާ ކުޅެ 1-1 އިން އެއްވަރުކޮށް، ނަޕޯލީ އެއްވަނައަށް އެރިޔަ ނުދީ ހިފަހައްޓައިފަ އެވެ. ނަޕޯލީ ތިންވަނައިގައި އޮތީ 25 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގެ ހަތްވަނަ މިނިޓުގައި ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސިނިއޭ ޕެނަލްޓީއަކުން ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އިންޓަ އަށް އެއްވަރު ކޮށްދިނީ އެޑިން ޒެކޯ އެވެ.