13 ފެބުރުއަރީ 2022 - 20:50

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔޫކްރެއިންއަށް ރަޝިއާ ސިފައިން އަރައި، އެ ގައުމު ހިފާފާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ފައިބަން ގިނަ ގައުމުތަކުން ދަނީ އަންގަމުންނެވެ. އެހެންވެ، އެ ގައުމުގައި ހުރި ބައެއް ގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް، ޑިޕްލޮމެޓުން ވެސް ދަނީ ޔޫކްރެއިނުން ފައިބަމުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި 50 އަށް ވުރެ ގިނަ ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. އެ ގައުމުގެ ދެ ސަރަހައްދެއްގައި ދިވެހިން އުޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކަމަކު ދިވެހިން ރާއްޖެ ގެނައުމާ ބެހޭގޮތުން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ރަޝިއާ އިން ޔޫކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާ އަދި އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ޔޫކްރެއިން ހިފަން އުޅޭކަމުގެ ތުހުމަތު ރަޝިއާއިން ދޮގު ކުރިޔަސް، އަސްކަރީ ފައުޖުތައް ފަހަތަށް ޖައްސަން އެ ގައުމުން ދަނީ ދެކޮޅު ހަދަމުންނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތާއި ނޭޓޯގެ ގިނަ ގައުމުތަކުގެ ސިފައިން މިހާރު ދަނީ ޔޫކްރެއިންއާ ކައިރި ގައުމުތަކަށް ފޮނުވަމުންނެވެ. ޔޫކްރެއިންގެ ކްރައިމިއާ 2014 ވަނަ އަހަރު ރަޝިއާ އިން ހިފި މައްސަލާގައި ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދޭން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ މަސައްކަތް ކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި ސަބަބެވެ.