13 ފެބުރުއަރީ 2022 - 19:30

ރެކޯޑު އަދަދަކަށް ޓޫރިސްޓުން އިއްޔެ ރާއްޖެ އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު 2020 ވަނަ އަހަރު އަލުން ހުޅުވި ފަހުން އެއްދުވަސް ތެރޭ އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ. އެގޮތުން އިއްޔެ 7،668 ޓޫރިސްޓުން އައި ކަމަަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެންމެ ފަހުން ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ދުވަހު 6،269 ޓޫރިސްޓުން އައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށުނު ފަހުން ދުވާލަކު އެވްރެޖުކޮށް 4،300 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ރާއްޖެ އައީ 171،982 ޓޫރިސްޓުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 28،468 ޓޫރިސްޓުންނެވެ. ދެވަނައިގައި 18،348 ޓޫރިސްޓުންނާ އެކު އިނގިރޭސިވިލާތް އޮތް އިރު ތިންވަނައިގައި 13،947 ޓޫރިސްޓުންނާ އެކު އޮތީ އިންޑިއާ އެވެ.
އިންޑިއާ އަކީ މިދިޔަ އަހަރާއި 2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރެން ފެށުމުން ދަތުރު ކުރާ މީހުންގެ އަދަދު މަދުވި އެވެ.