މާވެލްގެ ސީރީޒްތައް ނެޓްފްލިކްސް އިން ނަގަނީ
މާވެލްގެ ސީރީޒްތައް ނެޓްފްލިކްސް އިން ނަގަނީ

މާވެލް އާއި ނެޓްފްލިކްސް ގުޅިގެން ކުރިން ހަދާފައިވާ ސީރީޒްތައް ނެޓްފްލިކްސްގެ ސްޓްރީމިން ޕްލެޓްފޯމުން ނަގަން ނިންމައިފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން މާވެލް އިން ވަނީ ތަފާތު ހަ ސުޕަހީރޯ ސިރީޒެއް ގެނެސްދީފަ އެވެ. އެއީ "ޑެއާޑެވިލް"، "ލޫކް ކޭޖް"، "ޖެސިކާ ޖޯންސް"، "އަޔަން ފިސްޓް"، "ޕަނިޝާ" އަދި "ދަ ޑިފެންޑާސް" އެވެ.

އެ ސީރީޒްތައް ނަގަން ނިންމާފައި ވަނީ މާވެލް އިން ނެޓްފްލިކްސް އަށް ދީފައިވާ ލައިސެންސުގެ މުއްދަތު މި މަހު 28 އަށް ހަމަވާތީ އެވެ. ނެޓްފިކްސްއާ އެކު މާވެލް އިން އެއްބަސްވުމެއް ހެދީ 2012 ގަ އެވެ. އެ އެއްބަސްބުމުގެ ދަށުން 2015 ގައި ފުރަތަމަ ގެނެސްދިނީ "ޑެއާޑެވިލް" އެވެ. އެކަމަކު 2018 ވަނަ އަހަރަށް ދިޔައިރު، ގިނަ ސީރީޒްތައް ވަނީ ކެންސަލްކޮށްފަ އެވެ.

މިހާރު އެ ސީރީޒްތަކުން ފެންނަ ބައެއް ސުޕަހީރޯ ކެރެކްޓާސްތައް، ހަމަ އެ އެކްޓަރުންނާ އެކު މާވެލްގެ ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) ގެ ފިލްމުތަކާއި ސީރީޒްތަކަށް ވެސް ތައާރަފުކޮށްފައިވެ އެވެ. އެ ސީރީޒްތައް ނެޓްފްލިކްސްގެ ދަށުން އަތުލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ އެވެ. ކުރިއަށް އޮތް ތަނުގެ މި ހުރިހާ ސުޕަހީރޯސްތައް ވެސް އެމްސީޔޫ އިން ފެންނާނެ ކަމަށްވެ އެވެ.

އެ ސީރީޒްތައް ދެން ސްޓްރީމްކުރާނެ ޕްލެޓްފޯމެއް އަދި ޔަގީންނުވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ފުރުސަތު ދިނުން ގާތީ ޑިޒްނީ ޕްލަސް އަށެވެ.