މަޖިލީހުގެ އިދާރާއިން ރިޓަޔާކުރާ މުވައްޒަފުންނަށް ކޮންޓްރެކްޓް ވަޒީފާ ދެނީ
މަޖިލީހުގެ އިދާރާއިން ރިޓަޔާކުރާ މުވައްޒަފުންނަށް ކޮންޓްރެކްޓް ވަޒީފާ ދެނީ

ރައްޔިތުންގެ މަޖިލީހުން ރިޓަޔާކުރާ މުވައްޒަފުން، ކޮންޓްރެކްޓް އުސޫލުން އަލުން އެ އިދާރާގެ ވަޒީފާ އަށް ނެގޭ ގޮތަށް މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގަވައިދު މިއަދު އިސްލާހު ކޮށްފި އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފާސްކުރީ އުމުރުން 65 އަހަރުވެ، ރިޓަޔާ ކޮށްފައިވާ މުވައްޒަފުން ކޮންޓްރެކްޓް އުސޫލުން މަޖިލީހުގެ އިދާރާގެ މަސައްކަތްތަކަށް ނެގުމުގެ އިހުތިޔާރު އަމީންއާންމަށް ލިބޭ ގޮތަށެވެ.

މަޖިލީހުގެ އިދާރާގެ ވަޒީފާ އިން ރިޓަޔާ ކުރުމުގެ ކުރިން، ތިން އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 75 ޕަސަންޓަށް ވުރެ މަތިން ލިބިފައިވާ މުވައްޒަފަކަށް ވެސް ވާން ޖެހެ އެވެ. ކޮންޓްރެެކްޓް އުސޫލުން ވަޒީފާ އަށް ނެރޭ މީހާއަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ކެރިކުޅަދާކަން ކަމާއި ވަޒީފާ އަދާކުރެވޭ ވަރުގެ ސިއްހަތެއްގައި ހުންނަ މީހަކަށް ވާން ޖެހެ އެވެ.

ރިޓަޔާ ކޮށްފައިވާ މީހެއްގެ ކޮންޓްރެކްޓް އެއް އަރަހަށް ވުރެ ދިގު ނުކުރެވޭނެ އެވެ. އަދި ކޮންޓްރެކްޓް އާ ކުރެވޭނީ ގިނަ ވެގެން ތިން އަހަރު ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވެސް ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އިސްލާހުގައި ބުނެ އެވެ.

ކޮންޓެރްކްޓް އުސޫލުން ވަޒީފާ ދޭ މީހާ އަށް ދޭން ޖެހޭނީ އޭނާ ރިޓަޔާކުރި މަގާމުގައި ލިބުނު މުސާރަ އާއި އިނާޔަަތްތައް ކަމަށް ވެސް އިސްލާހުގައި ވެ އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގަވައިދަށް އިސްލާހު ގެންނަން ނިންމީ ކީއްވެ ކަމެއް ކޮމިޓީއަކުން ނުބުނެ އެވެ. ކޮމިޓީގެ ބޮޑުބައި ކުރިޔަށް ގެންދިޔައީ ވެސް ނުރަސްމީކޮށެވެ.