ބޮންޑާ އަންނަ އަހަރު ވެސް ކުޅޭނެ، ފެންނާނީ ޓީސީން
ބޮންޑާ އަންނަ އަހަރު ވެސް ކުޅޭނެ، ފެންނާނީ ޓީސީން

މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ކުޅެން ފެށި ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގޮތަށް ނިންމައި ޓީސީގައި މަޑުކޮށްފި އެވެ.

"އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭނަން. ޓީސީ އަށް ކުޅެން ނިންމާފައިވަނީ،" ބޮންޑާ ބުންޏެވެ.

ދޮޅުއަހަރެއްހާ ދުވަހު ފުރަތަމަ ޑިވިޝަން ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ބޮންޑާ ވަނީ މި ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ މަގާމް ޓީސީ ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ބޮންޑާ އެވެ. އޭނާ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ނޮމިނޭޓްވެފަ އެވެ.

ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ނަމަ ބޭނުންކުރާނެތޯ އެހުމުން އޭނާ ބުނީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

"ގައުމީ ޓީމަށް ކުޅޭ ވަރަށް ވުރެ މިހާރު މުސްކުޅިވެއްޖެ. ގައުމީ ޓީމަށް ދިއުމުގެ މާބޮޑު ވިސްނުމެއް ނެތް،" ބޮންޑާ ބުންޏެވެ.

އައިއެފްސީން 2001 ވަނަ އަހަރު ކެރިއަރު ފެށި ބޮންޑާ ވަނީ އޭގެ ފަހުން ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އަދި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނިފަ އެވެ.

ބޮންޑާ ޓީސީގައި މަޑުކުރިއިރު އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަށް ބައެއް ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އެނގިފައިވާ ގޮތުގައި ޓީސީން އަންނަނީ އަންނަ ސީޒަނަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ގެނައުމުގެ މަސައްކަތްކުރަމުންނެވެ.