އިންޑިއާ ސިފައިން ކަނޑުމަތިން 760 ކިލޯގެ ޑްރަގްސް އަތުލައިގެންފި
އިންޑިއާ ސިފައިން ކަނޑުމަތިން 760 ކިލޯގެ ޑްރަގްސް އަތުލައިގެންފި

އިންޑިއާގެ ކަނޑުގެ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަތިން 760 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އިންޑިއާގެ ހުޅަނގު ކަނޑުގައި ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 265.5 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. މިއީ ދިވެހި ރުފިޔާ އިން ނަމަ ހަތަރު ބިލިއަން ރުފިޔާ އެވެ.

މި އޮޕަރޭޝަނުގައި 763 ކިލޯގެ ޑްރަގްސް ފެނިފައިވެ އެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 529 ކިލޯގެ ހަޝިޝް އަދި ކްރިސްޓަލް މެތަމްފެޓަމައިން އަދި ކޮންމެވެސް ވަރަކަށް ހެރޮއިން ފެނިފައިވެ އެވެ. އަދި މިއީ ވަރަށް ހައި ކޮލިޓީގެ އެއްޗެހި ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

"މި އިންޓަނޭޝަނަލް ވޯޓާސްގައި ހިންގި މިފަދަ އޮޕަރޭޝަނެއްގައި މިގޮތަށް ޑްރަގްސް އަތުލައިގަތް ފުރަތަމަ ފަހަރު. މިއީ އެންސީބީން ކަނޑުގެ ސިފައިންގެ އިންޓެލިޖެންސާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ހިންގި ޖޮއިންޓް އޮޕަރޭޝަނެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

މި ތަކެތި އަތުލައިގަތީ އިންޑިއާގެ ހުޅަނގު އައްސޭރީގެ ކަނޑުގެ ސަރަހައްދުން ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު މި މައުލޫމާތު، ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ހާމައެއް ނުކުރެ އެވެ. އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ގުޖަރާތުގެ ބަނދަރަކަށް ގެންގޮސްފަ އެވެ.

މިއީ ކަނޑުމަގުން އިންޑިއާ އާއި އަވަށްޓެރި ގައުމުތަކަށް ޑްރަގްސް ގެންގޮސް އެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެންސީބީން ބުންޏެވެ.