13 ފެބުރުއަރީ 2022 - 12:25

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވި ކަން މިއަދު އިއުލާންކުރައްވައި އަމާޒަކީ އެމްޑީޕީ ހަރުދަނާކޮށް، ޕާޓީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެން ދާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެއާއެކު، އޭނާ އެދިވަޑައިގަތީ މެމްބަރުންގެ ތާއީދަށެވެ.
ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އެ ވޯޓުލުން އޮންނާނީ އަންނަ އެޕްރީލް, 16 އެވެ.
ކެބިނެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރުކުރައްވާ އެއް ވަޒީރު، ފައްޔާޒްއާ ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން އަނބުރާ ގެންދަވައިފަ އެވެ.
އިމްތިޔާޒަކީ ރައްޔިތުންގެ މަޖިލިސް އަދި އެމްޑީޕީގެ ތެރޭގައި ވެސް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންވެ، މިއީ ޕާޓީގެ ތެރޭގައި ރައީސާއި ނަޝީދުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދާނެ އިންތިހާބެކެވެ. ތާއީދު ހޯދުމުގެ ކެމްޕެއިން ވެސް ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮނޑި ހުސްވީ އެ މަގާމަށް 2017 ގައި އިންތިހާބުކުރި ހަސަން ލަތީފްގެ ދައުރު ހަމަވުމުންނެވެ.