ނައިޖީރިއާގެ މޮޑެލްއަކު ކައިވެންޏަށް އެއްބަސްކުރުވަން ރާއްޖޭ ދަތުރަކާއި 20،000 ޑޮލަރު
ނައިޖީރިއާގެ މޮޑެލްއަކު ކައިވެންޏަށް އެއްބަސްކުރުވަން ރާއްޖޭ ދަތުރަކާއި 20،000 ޑޮލަރު

ނައިޖީރިއާގެ މޮޑެލް އަދި އެކްޓިވިސްޓް ފޭވާ ފިލިޕް މަހުޖަނެއްގެ ތިން ވަނަ އަންބަކަށް ވާން އެއްބަސްވެއްޖެ ނަމަ ރާއްޖޭން ޗުއްޓީ ދަތުރަކާއި 20،000 ޑޮލަރު ދޭން ހުށަހެޅުމެއް ލިބުނު ކަމަށް އޭނާ ބުނެފި އެވެ.

ނައިޖީރިއާގެ ނޫހެއް ކަމަށްވާ "ސަޓަޑޭ ޕަންޗް" އަށް ދިން އިންޓަވިއުއެއްގައި ފޭވާ ބުނީ އޭނާ އަށް އިންނަން މީހަކު ވަރަށް ފަހުން ހުށަހެޅި ކަމަށާއި މިހާރު ވެސް ދެ އަންބިން ހުރި އެ މީހާ ހުށަހެޅީ ފޭވާ އޭނާގެ ތިންވަނަ އަންބަށް ވާން ކަމަށެވެ.

"އޭނާ އިންނަން ހުށަހެޅީ 20،000 އެމެރިކާ ޑޮލަރާއި ދިވެހިރާއްޖެއަށް ހުރިހާ ހަރަދަކާ އެކު ދަތުރަކަށް. މި ހުރިހާ އެއްޗެއް ދިނުމަށް އޭނާ ހުށަހެޅީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތަށް. އެކަމު އެއީ ކައިވެނިކުރާ ނަމަ،" އޭނާ ބުންޏެވެ.

ފޭވާ ބުނީ މިއީ ބައެއް މީހުންނަށް ވަރަށް ހިތްގައިމު ހުށަހެޅުމަކަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ފައިސާއެއް އަދި ހަދިޔާއެއް ދިނަސް މީހެއްގެ ދެވަނަ އަންބަށް އަދި ތިންވަނަ އަންބަށް ވާން އެއްބަސް ނުވެވޭނެ ކަމަށް ފޭވާ ބުންޏެވެ.

އޭނާ ބުނީ މި ހުށަހެޅުން ބަލައިގަންނަން ރައްޓެހިންގެ ފަރާތުން ވެސް ޕްރެޝަރު އައި ކަމަށެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން. އެހެން އަންހެނުންނަށް ވެސް ދޭނެ ނަސޭހަތަކީ މިކަހަލަ ހާލަތެއްގައި އަމިއްލަ ނަފްސަށް ވިސްނުން. އަދި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރުން،" ފޭވާ ބުނެފައިވެ އެވެ.

ފޭވާއާ އިންނަން އެހި މީހާ އަކީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށާއި އޭނާއާ ދިމާވީ އަބޫޖާ އިން ލާގޮސް އަށް ދިޔަ ފްލައިޓަކުން ކަމަށް އޭނާ ބުންޏެވެ. މި ދަތުރުގައި ގުޅުން ބަދަހިވެ ކައިވެނި ހުށަހެޅީ ލާގޯސްގެ ރެސްޓޯރަންޓެއްގައި ކަމަށް ފޭވާ ބުންޏެވެ.