13 ފެބުރުއަރީ 2022 - 11:47

ރަޝިޔާ ސިފައިންނަށް ނަރަކައިން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ތައްޔާރީ ހާލަތުގައި ތިބި ރަޝިޔާ ސިފައިންނަށް، ޔޫކްރޭންގެ ސިފައިންގެ އެންމެ އިސް ވެރިޔާ އިންޒާރު ކުރައްވައިފި އެވެ.
ޔޫކްރޭން ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ވަލޭރީ ޒަލޫޖްނީ އާއި އެ ގައުމުގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް އިއްޔެ ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބޭރުން އަންނަ ކޮންމެ އުދުވާނަކުން ގައުމު ދިފާއުކުރުމުގައި ޔޫކްރޭންގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ދެ ބޭފުޅުންގެ ބަޔާނުގައި ރަޝިޔާ ސިފައިންނަށް އިންޒާރު ކުރައްވައި ވިދާޅުވީ، ޔޫކްރޭން ސަރުކާރުގެ ވެރިންނާއި އެ ގައުމުގެ އަސްކަރިއްޔާގައި ހިމެނޭ 420 ހާސް ސިފައިން ތިބީ، ގައުމުގެ ދިފާއުގައި އަމިއްލަ ފުރާނައިން ގުރުބާންވާން ތައްޔާރަށް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ޔޫކްރޭންގެ ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވެރިރަށް ކިއޭވްގައި ދިފާއީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި، ވައިގެ ދިފާއީ ނިޒާމު ވެސް އެންމެ ފުރިހަމަ ތައްޔާރީ ހާލަތަށް ފަރިތަވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، 2014 ވަނަ އަހަރާ އަޅައި ބަލާއިރު ޔޫކްރޭންގެ ގައުމީ ދިފާއީ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
އެހެންކަމުން، 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ކްރީމިއާ ސަރަހައްދު ފޭރިގަތް ގޮތަށް، ޔޫކްރޭން ބިމުން އެންމެ ތަންފުކެއް ވެސް އަތުލައިނުގަނެވޭނެ ކަމަށް، އެ ބަޔާނުގައިވެ އެވެ. އޭގެ އިތުރުން ރަހުމަތްތެރި ގައުމުތަކުން ވަރަށް ބޮޑު އަސްކަރީ އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި 2،000 ޓަނުގެ ޒަމާނީ ހަތިޔާރާއި އުންޑަ ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޔޫކްރޭނުން މަސައްކަތް ކުރަމުން ދަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ހަމަލާއެއް ދޭން ކަމަށް ރަޝިޔާ އިން ކުރާ ތުހުމަތުތައް، މި ބަޔާނުގައި ވަނީ ދޮގުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވީ، އެއްވެސް ގައުމަކަށް ހަމަލާއެއް ދިނުމަށް ޔޫކްރޭނުން އެއްވެސް އިރަކު ނުވިސްނާ ކަމަށާއި، ނަމަވެސް ބޭރުން އަތުވެދާނެ ކޮންމެ އުދުވާނަކުން ގައުމު ދިފާއުކުރުމަށްޓަކައި ފުރިހަމައަށް ތައްޔާރުވެގެން ތިބި ކަމަށެވެ.
ޔޫކްރޭންގެ މައްސަލައިގައި ސުލްހަވެރި ގޮތެއްގައި ހައްލު ކުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ އިރު، ރަޝިޔާ އިން މިހާރު ވެސް ގެންދަނީ ޔޫކްރޭން ސަރަހައްދުގައި އަސްކަރީ ގާބިލުކަން އިތުރު ކުރަމުންނެވެ. އެ ގޮތުން ރަޝިޔާގެ 30 މަނަވަރެއް ބައިވެރިކޮށްގެން ބާއްވާ ކަނޑުމަތީގެ އަސްކަރީ ފަރިތަކުރުންތަކެއް، މިހާރު ވަނީ ކަޅު ކަނޑުގައި ފަށައިފަ އެވެ.
ރަޝިޔާ އިން ވަމުން އަންނަ ތައްޔާރީތަކަށް ބަލައި، ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ރަޝިޔާ އިން މިހާރު ތައްޔާރުވަމުން އަންނަނީ މި ހަފުތާގެ އަންގާރަ ދުވަހު، ޔޫކްރޭނަށް އަރައިގަތުމަށެވެ. ނަމަވެސް ރަޝިޔާ އިން ބުނަމުން އަންނަނީ، ޔޫކްރޭނަށް އަރައިގަތުމަކީ އެއްވެސް އިރެއްގައި ރަޝިޔާ އިން ވިސްނާ ކަމެއް ނޫން ކަމަށެވެ.