13 ފެބުރުއަރީ 2022 - 11:32

ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާގެ ލައްކައަކަށް ވުރެ ގިނަ ސިފައިން ބަރު ހަތިޔާރާ އެކު ތައްޔާރީ ހާލަތުގައި ތިބޭތާ މަސްތަކެއްވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، ޔޫކްރޭންގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ފޭބުމަށް އެ ގައުމުތަކުން ގޮވާލަން ފަށައިފި އެވެ.
ރަޝިޔާ ސިފައިން މިހާރު ތިބީ ކޮންމެ ވަގުތަކުގެ ވެސް ޔޫކްރޭނަށް އަރައިގަތުމަށް ތައްޔާރުވެގެން ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނަން ފެށުމާ އެކު، ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު އެ ގައުމުތަކުގެ ރައްޔިތުންގެ ފަރާތުން އެދެމުން ދަނީ، ޔޫކްރޭނަށް ނުދިއުމަށެވެ. އަދި މި ވަގުތު ޔޫކްރޭންގައި ހުރި އެއިން ގައުމެއްގެ މީހަކު ވިއްޔާ ވީހާ އަވަހަކަށް ޔޫކްރޭން ދޫކޮށް އެހެން ތަނަކަށް ދިއުމަށް ވެސް އެ ގައުމުތަކުން އެދެމުންދެ އެވެ.
ހުޅަނގުގެ ގައުމުތަކެކޭ އެއްގޮތަށް މެދުއިރުމަތީގެ ގައުމުތަކުން ވެސް މިހާރު ވަނީ، ޔޫކްރޭނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ޔޫކްރޭނުން ފޭބުމަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އިރާގު، ކުވައިތު، ސައޫދީ އަރަބިޔާ، ޖޯޑްން، އެމިރޭޓްސް، އިޒްރޭލު، އަދި މޮރޮކޯ ހިމެނެ އެވެ.
ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރަމުން މިދަނީ، ރަޝިޔާ ސިފައިންގެ ހަރަކާތްތަކުގެ އިތުރުން، ޔޫކްރޭންގެ ސިފައިން ހަނގުރާމައިގެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެ ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފެށުމާ ވެސް ގުޅިގެންނެވެ. އެ ގޮތުން، ޓޭންކާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާގައި އުފައްދާފައިވާ ޖެވްލިން މަރުކާގެ މިސައިލްތައް، ވެރިރަށް ކިއޭވްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް މިހާރު ވަނީ ޖަމާކޮށްފަ އެވެ.
މީގެ އިތުރުން ވެސް ރަޝިޔާ ސިފައިންގެ ހަމަލާއަކުން ދިފާއުވުމަށްޓަކައި ބޭނުންކުރާނެ އަސްކަރީ ވަސީލަތައްތަކާއި އާލާތްތައް މިހާރު އަންނަނީ ޔޫކްރޭންގެ މުހިންމު ސަރަހައްދުތަކަށް ޖަމާކުރަމުންނެވެ.
ބޭރު ގައުމުތަކުގެ މީހުން ޔޫކްރޭނުން ފޭބުމަށް އެ ގައުމުތަކުން ގޮވައިލަމުން އަންނަ އިރު، ރަޝިޔާ ސިފައިން މިހާރު ތިބީ ތިން ފަރާތުން ޔޫކްރޭން ވަށާލައިގެންނެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދީ ރޮނގު ކައިރިން ރަޝިޔާގެ ތެރޭގައި 100،000 އަށް ވުރެ ގިނަ އަދަދެއްގެ ސިފައިން ތިބި އިރު، ޔޫކްރޭންގެ އުތުރުން އޮންނަ ބެލަރޫސް އަށް މިހާރު ވަނީ ރަޝިޔާގެ 30 ހާސް ސިފައިން ޖަމާކޮށްފަ އެވެ.
އޭގެ އިތުރުން ރަޝިޔާ އިން 2014 ވަނަ އަހަރު ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ކްރީމިއާގައި ވެސް ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން އެބަ ތިއްބެވެ. ކްރީމިއާއަކީ ޔޫކްރޭންގެ ދެކުނު ފަރާތުގައި އޮންނަ ސަރަހައްދެކެވެ.