13 ފެބުރުއަރީ 2022 - 11:05

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވައިނުލަނީސް، އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.
އޭނާގެ ގާތް ބޭފުޅުން މިކަން ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު، ވާދަވެރިވާނެ ކަމަށް ބެލެވޭ އިންތިހާބުން އަމްރު ފަހަތަަށް ޖެހިވަޑައިގަތް ސަބަބެއް އަދި ނޭނގެ އެވެ.
އަމްރުގެ ވިސްނުން ބަދަލުކުރައްވާފައިވާ ކަން ގާތް ބޭފުޅުން އިއުލާން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނަވާފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކޮށްފައިވާ ގޮތުގައި އަމްރު ވާދަނުކުރައްވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގައި އިންތި ހުންނަވަނީ ނަޝީދުގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދުކުރައްވާ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. ފައްޔާޒަކީ ކެބިނެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރުކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން ނަޝީދު އިސްވެ މަސައްކަތްޕުޅު ކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް އިތުބާރު އޮތްކަން މީޑިއާގައި ވިދާލުވެފަ އެވެ.
އަމްރު ކުރިން ނިންމަވައިގެން ހުންނެވީ އެމްޑީޕީ އަށް ކާމިޔާބުކުރުން މުހިއްމުވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު ރަސްމީކޮށް އޭނާގެ ކެމްޕެއިން ފެއްޓެވުމަށެވެ. އޭނާ އަކީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އެއް ބޭފުޅާ އެވެ. އޭނާ ވަނީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮނޑި ހުސްވީ އެ މަގާމަށް 2017 ގައި އިންތިހާބުކުރި ހަސަން ލަތީފްގެ ދައުރު ހަމަވުމުންނެވެ.
ފަސް އަހަރުގެ ދައުރަކަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބު ބާއްވާ ތާރީހަކީ އެޕްރީލް, 16 އެވެ.