13 ފެބުރުއަރީ 2022 - 07:28

ފިޔާކޮށަން ވަޅި ހިންގައިލެވުނު ގޮތަކުން މީޒާގެ ވައަތު ޝަހާދަތް އިނގިލިން ތަންކޮޅެއް ކަނޑައިގެންދިޔައެވެ. އެއީ މީޒާ ނުފަރިތަވެގެން ވީ ގޮތެއް ނޫނެވެ. އުމުރުން އެކާވީސް އަހަރުގެ މީޒާއަކީ ބަދިގެއަށް ފަރިތަ، ކެއްކުމަށް ކުޅަދާނަ ކުއްޖެކެވެ. ޒަމާނީ ޒާތްޒާތުގެ ކެއްކުންތަކަށް އަހުލުވެރި، ގެވެހި ކުއްޖެކެވެ. އިނގިލި ކަނޑައިގެންދިޔައީ މީޒާގެ ފިކުރު އެހެން ދިމާއެއްގައި އުދުހުނީތީއެވެ. ވަޅި ބާއްވައިފައި، ވައަތު ބޮޑުވައި އިނގިލިން ލޭ މަނާކޮށްލައިގެން މީޒާ ދުވެފައި ކޮޓަރިއަށް ވަނެވެ. ބޭސްމަލަން ނެގިއެވެ. އެކަމަކު އިނގިލީގައި މަލަން އަޅާކަށް ނޫޅެއެވެ. ލާނެތް ހިންޏެއް އައިސްފައި މީޒާ ހުރީއެވެ. މީޒާގެ ހިތް ބުނަނީ ސަހަލު ވާހަކައެއް ނޫނެވެ.
ކުޑަ ގޮތަކަށް މަތިހަދާލައިގެން މީޒާ ކޮޓަރިން ނުކުތެވެ. އޭރު އިނގިލީގައި ހުރީ ބޭސްމަލަން އަޅައިފައެވެ. އެޕާޓުމަންޓުގެ ދޮރުން ނުނިކުމެވެނީސް، މަންމަގެ ކޮޓަރިން މަންމަ ނުކުތެވެ.
"ބަލަ ތީ ކާބޮނާރާ ހަދަން އުޅުނު މީހާއެއްނު!" ހަފީޒާ ހަނދާންކޮށްދިނެވެ.
"އެބަ އަންނަން ކެޖޫނަޓްކޮޅެއް ގަނެލައިގެން." އެޕާޓުމަންޓުން ނުކުމެފައި ދޮރު ލައްޕައިލަމުން މީޒާ ބުންޏެވެ.
ހަފީޒާއަކީ މަޝްހޫރު ކެއްކުންތެރިޔެކެވެ. ސްޕެގެޓީ ކާބޮނާރާއަށް ކަޖޫމަދު ނާޅާނެކަން ހަފީޒާއަށް އެނގެއެވެ. އެހެން ނޫނަސް ގޭގައި ކަޖޫމަދު ހުންނާނެއެވެ. ހަފީޒާ ގޮސް ކަފޭރާ ހުޅުވައިލިއެވެ. ފުޅިއެއް ފުރެންދެން ކަޖޫމަދު ހުއްޓެވެ. ހަފީޒާއަށް ވިސްނުނެވެ. މީޒާ ދިޔައީ އެއްޗެއް ގަންނާކަށް ނޫނެވެ.
"މީހަކު އަޅެ ރުޅިއެއް ނާންނާނެ؟" ހިތާހިތުން ހަފީޒާ ބުނެލިއެވެ.
މީޒާ ގޮސް ފުރަތަމަ ކުރި ކަމަކީ، ފިހާރަ ދޮރުމަތިން ކުރުކާލިކެނޑުމެވެ. ސޭޓަކަށް އިނީ ކާކުތޯ ޔަގީންކުރުމަށް ޓަކައެވެ. ސޭޓު ގޮނޑީގައި ޖަނާނަށް ވުރެ ގިނަ ވަގުތު އިންނަނީ ޖަމީލެވެ. ޖަނާންގެ ބައްޕައެވެ. އެއީ ބޮޑު މަތިމަހެއްގެ ވެރި، ޖާނުން ވަރުގަދަ މީހެކެވެ. އަޑު ވެސް އެހާ ވަރުގަދައެވެ. ފިހާރައިގައި މަސައްކަތްކުރާ ބިދޭސީމީހާއަށް ޖަމީލު ހަޅޭއްލަވައިނުގަންނަ ފަހަރަކު މީޒާއަކަށް ފިހާރަޔަކަށް ނުވަދެވެއެވެ. ކިތަންމެ ބައިވަރު މީހުނެއް ފިހާރައިގައި ތިއްބަސް ޖަމީލެއް ނުބަލައެވެ. އޭނަ އިންދައި ފިހާރަޔަށް ވަންނަން މީޒާ ބޭނުން ނުވަނީ އެހެންވެއެވެ. އެ ދުވަހަކީ މީޒާގެ ނަސީބު މީޒާއަށް އެހީތެރިވި ދުވަހެކެވެ. ހުސްކޮށް ހުރި ސޭޓު ގޮނޑީގައި ޖަނާން އިށީނެވެ. މީޒާ ފިހާރަޔަށް ވަނެވެ. ފަތްޖަހައިލައިފައިވާ ސިޓީ އޮތީ މީޒާގެ މުށުގައެވެ. ކެތްތެރިކަން ކޮޅުންލައިފައިވާ މީޒާ ނިންމައިގެން ހުރީ، ހިތުގައިވާ ހުރިހައި ޖަޒުބާތެއް ބަންޑުންކޮށްލާށެވެ. ދިގު ވާހަކައެއްގެ ސިފަޔަކު ނޫނެވެ. އިނގެރޭސި އެންމެ ތިން ލަފުޒުންނެވެ. އަކުރަށް ވުރެ ގިނަ ވާހަކަ މީޒާ ކިޔައިދޭން ބޭނުންވީ ދެލިންނެވެ. ބޭނުން ނަމަ، ފޯނުން ވެސް މީޒާއަށް އެ ކަން ކުރެވުނީހެވެ. ޖަނާންގެ ފޯނު ނަންބަރު މީޒާއަށް އެނގެއެވެ. އެކަމަކު، ކަރުދާހުގައި ހުރި ރަތް ދެލީގެ ވަސް ޖަނާނަށް އިހުސާސްކޮށްދޭން މީޒާ ބޭނުމެވެ.
ކޮކާލެއްހެން މުޅި ފިހާރައިގައި އުދުހުމަށް ފަހު، ލިބުނު ދަނޑިވަޅުގައި މީޒާ ޗޮކުލެޓެއް ނެގިއެވެ. އަގަކީ ސަތާރަ ރުފިޔާއެވެ. ޖަނާން އަތަށް ވިހި ރުފިޔާ ދިނުމަށް ފަހު، ބާކީ ބޭއްވުމަށް އެދިފައި މީޒާ ނުކުމެގެންދިޔައެވެ. ޖަނާނަކީ ކުޑަ ކުއްޖެއް ނޫނެވެ. މީޒާއަށް ވުރެ ދެ އަހަރު ޖަނާން ދޮށްޓެވެ. ފިހާރަޔަށް ވަދެ މީޒާ އުޅޭ ގޮތުންނާއި، ބަލާ ގޮތުންނާއި، ފިލާ ގޮތުން މީޒާގެ ހިތް ޖަނާނަށް ފެންނަ ކަހަލައެވެ. ލާނެތް ހިނިތުންވުމެއްގައި ވިހި ރުފިޔާ ހިފައިގެން ޖަނާން އިން އިރު، ރުފިޔާ ތެރޭގައި އެއްޗެއް އޮތްކަން ޖަނާނަށް އެނގެއެވެ. އެހެނަސް އެ ދަނޑިވަޅު ފިހާރަޔަށް ޖަމީލު ވަނުމުން ޖަނާނަށް ޖެހުނީ ސިޓީ ޖީބަށްލާށެވެ.
ރޭގަނޑުވިއެވެ. ފޯނަށް ބަލަހައްޓައިގެން މީޒާ އިނެވެ. ޖަނާން ގުޅާނެ ކަމުގެ އިންތިޒާރުގައެވެ. މަންމަ ކާން ގޮވުމުން ވެސް މީޒާއެއް ނުނިކުތެވެ. ސުވާލުގެ ޖަންގައްޔެއްގައި މީޒާ ހުރީ މަގު ގެއްލިފައެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގިފައެވެ. މީޒާ ދެކެ ޖަނާން ލޯބިނުވަނީ ހެއްޔެވެ؟ އެހެން މީހަކު ދެކެ ޖަނާން ލޯބިވަނީ ހެއްޔެވެ؟ ޖަނާންގެ ލޮލުން މީޒާއަށް ފެނުނީ ލޯތްބެއް ނޫން ހެއްޔެވެ؟ ޖަނާން ބައްޕަގެ ފިހާރަ ހުންނަނީ މީޒާގެ ގެ ހުންނަ މަގުގައެވެ. މީޒާ ދެން އެ ފިހާރަ ކުރިކަނޑާނީ ކިހިނެއް ހެއްޔެވެ؟ ގެއިން ބޭރަށް ނުކުންނާނީ ކިހިނެއް ހެއްޔެވެ؟
"ދަރިފުޅާ!" ހަފީޒާ ގޮވައިލި އަޑު އިވުނެވެ. "ދެން ނުކުމޭ ކާން."
މީޒާ ނުނިކުތުމުން ހަފީޒާ ކޮޓަރިއަށް ވަނެވެ. ނުތަނަވަސްކަން ފޮރުވަމުން މީޒާ ފޯނާ ކުޅޭކަމަށް ހެދުނެވެ. މީޒާއަކީ ހަފީޒާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ހަފީޒާއާއި އާތިފަށް މީޒާ ލިބުނީ، އަންހެންދަރިޔަކު ބޭނުންވެގެން ނަދުރެއް ބުނި ފަހުންނެވެ. ދެ ފިރިހެންދަރިންގެ ފަހުން ލިބުނު އަންހެންދަރިފުޅު ދެކެ ހަފީޒާއާއި އާތިފު ވެސް ވަރަށް ލޯބިވެއެވެ. ދަރިފުޅު މުރާލިވެފައި، ބަސްއަހާތީ އެކަންޏެއް ނޫނެވެ. މީޒާ ހުންނަލެއް ލޯބިކަމާއި، އުޅޭލެއް ލޯބިކަމުން ވެސް މެއެވެ. ހިތްނޭދޭކަމެއް މީޒާ ކުރާ އިރު ވެސް އެއްޗެއް ބުނަން ހަފީޒާ ބޭނުން ނުވާ ސަބަބަކީ އެއީއެވެ. އެހެނަސް މީޒާ އަރައިހުރީ ގުންޑޮޅިއަކަށެވެ. ގުންޑޮޅި ކަނޑައިގެން ގޮސް މީޒާ ވެއްޓޭނީ ކިހާ އުހަކުން ކަމެއް، ކޮން އިރަކު ކަމެއް ހަފީޒާއަކަށް ނޭނގެއެވެ.
"ކިހިނެއްވީ ދަރިފުޅާ؟" އެނދުގައި އިށީންނަމުން ހަފީޒާ ބުންޏެވެ.
"ކަމެއް ނުވޭ! ކާހިތް ނެތީ!" މީޒާ ދޮގުހެދިއެވެ.
ކުއްލިއަކަށް ފެނުނީ މީޒާގެ ފޯނަށް ކޯލެއް އައި ތަނެވެ. އަރައިފައި އޮތީ ޖަނާންގެ ނަމެވެ. މީޒާ ފުންމައިގެން ތެދުވިއެވެ. ފޯނު ހިފައިގެން ދުވަމުންދުވަމުން ކޮޓަރިން ނުކުތެވެ. އެ ހުރިހައި މަންޒަރެއް ހަފީޒާއަށް ފެނުނެވެ. ހަފީޒާ ހިތަށްއެރިއެވެ. މިހާރު ވެސް ލަސްވެއްޖެއެވެ.
މީޒާ ލެެއިން ލިޔުނު ތިން ލަފުޒުގެ ތިރީގައި މީޒާގެ ފޯނު ނަންބަރު ވެސް ލިޔުނެވެ. ޖަނާން ގުޅީ އެ ނަންބަރަށެވެ. އެ ރެޔަކީ މީޒާއާއި ޖަނާން ލޯބީގެ ގޮތުން ރަސްމީކޮށް ގުޅުނު ރެޔެވެ. އުފަލުން ގޮސް މީޒާއަށް އުޅެވޭނޫޅެވޭ ގޮތް ވެސް ނޭނގެއެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން މިލައި މޯޅިވެފައިވާ މޫނުން މާތައް ފަރިވެ ފޮޅޭ ތަން ހަފީޒާއަށް ފެނުނެވެ. ވީ ކީއްކަމެއް ހަފީޒާއަކަށް ނޭނގެއެވެ. ހަފީޒާ ދައްކަން އުޅުނު ވާހަކަ، އަނެއްކާ ވެސް ފަސްކޮށްލީއެވެ.
ޖެހިގެން އައި ދުވަހު މީޒާގެ އަތުން ފޯނު ދޫނުވެއެވެ. މީޒާ އަބަދު ހުންނަނީ ހިނިއައިސްފައެވެ. ދަރިފުޅު ގޮވައިގެން ހަފީޒާ ބާޒާރަށް ދިޔަ އިރު، މީޒާގެ ކަޅި ހުއްޓިފައި ހުންނަނީ ޖަނާންގެ ފިހާރަޔަށެވެ. ކުރިއަށް ވުރެ މާ ބޮޑަށެވެ. ހިނގައިފައި ދިޔަ އިރު ވެސް ފޯނު ކޮއްޓުން މީޒާ ހުއްޓައެއް ނުލައެވެ. ހަފީޒާގެ ހިތް ހުޅުވައިލީ އެ ދުވަހުއެވެ. ނުސީދާކޮށެވެ.
"ދަރިފުޅަށް އެނގޭތަ ޖަމީލުމެންނަކީ ކޮން ކަހަލަ ބައެއްކަން؟" ހަފީޒާ ސުވާލުކުރިއެވެ.
އެ ސުވާލު މީޒާއަކަށް ނީވެއެވެ. މީޒާގެ ހުރިހައި ސަމާލުކަމެއް ހުރީ ފޯނަށެވެ. ހަފީޒާ ފޯނު ޖަހައިގަތެވެ.
"ދެން މަންމާ.." މީޒާ ބުންޏެވެ. "ފޯނު ދީބަލަ!"
ހަފީޒާގެ ސުވާލު ތަކުރާރުކުރިއެވެ. މީޒާއަށް އިއްވިއެވެ. މީޒާ އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނުދިނެވެ.
"އަހަރެން ކީއްކުރަން އެ ކަމާ ވިސްނަންވީ؟" މީޒާ އިނގެރޭސިން ބުންޏެވެ. "ދީބަލަ ފޯނު މަންމާ."
ހަފީޒާ ފޯނު ދިނެވެ. ކިޔައިދޭން ބޭނުންވި ވާހަކަ ވެސް ކިޔައިދިނެވެ. ޖަމީލުގެ ވިޔާނުދާ ވާހަކައެވެ. ޖަމީލުގެ ދަރިންގެ މިޒާޖެވެ. އެ އާއިލާގައި ފަސް ފިރިހެންކުދިން ތިބެއެވެ. ހުރިހައި ކުދިން ވެސް ބޮޑުވީ ހަފީޒާގެ ލޯކުރިމަތީގައެވެ. ހިސާބުގަނޑުގެ އެއްވެސް މީހަކު ޖަމީލުމެންނަކާ ނުގުޅެއެވެ. ކުދިން ބޮޑެތިވެގެން ވެސް އެ ކުދިން ހަރުދަނާއެއް ނުވިއެވެ. އެކަކުގެ ވެސް އުޅުމެއް ނެތެވެ. ވަޒީފާއެއްގައި ހަރެއްނުލައެވެ. މީހަކާ އިނދެގެނެއް ނޫޅެވެއެވެ. އަނބިންނަކަށް ހެވެއް ނޫނެވެ. ވަފާތެރިއެއް ވެސް ނޫނެވެ. ހުރިހައި ކުދިން ވެސް ޑުރަގު ބޭނުންކުރެއެވެ. ޑުރަގު އެތެރެކުރެއެވެ. ވިޔަފާރީގައި މަކަރުހަދައެވެ. އެންމެން އެހެން ކިޔައެވެ. އެ ގޭ ކުއްޖެއްގެ އަންބަކަށް މީޒާ ވާކަށް ހަފީޒާ ބޭނުމެއް ނޫނެވެ. އާތިފު ވެސް ބޭނުމެއް ނޫނެވެ. މީޒާއަކީ މުރާލި ކުއްޖެކެވެ. މީޒާ ހޯދަންވާނީ ޖަނާނަށް ވުރެ ހަރުދަނާ ފިރިއެކެވެ.
ވިދިގެން އައި ދުވަސްތަކުގައި ވެސް ހަފީޒާ އެ ވާހަކަދެއްކިއެވެ. މީޒާގެ ވާހަކަ ހުރީ، އެ ގޭ ކުއްޖަކާ ރައްޓެހިވެގެން އުޅޭ މީހެއްގެ ވާހަކަ ހުންނަ ގޮތަށެވެ. ޖަނާން ދިފާއުކުރާ ރާގަކަށެވެ.
"ތީ މީހުން ކިޔާ އެއްޗެއްސެއްނު މަންމާ،" މީޒާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެނީ ޕްރޫފް؟"
މީޒާއަށް ދައްކާނެ އެއްވެސް ހެތްކެއް ހަފީޒާ އަތަކު ނެތެވެ. އެންމެން އެހެން ކިޔާނީ ކަމެއް އޮވެގެންނޭ ބުނުން ފިޔަވައެވެ. މީޒާއާއި ޖަނާންގެ ލޯބީގެ ގުޅުން ހަފީޒާއަށް އެނގުނީ އެ މަޝްވަރާގެ ތެރެއިންނެވެ. އެ ކަމުގެ ތެރެއަށް އާތިފު ވަނެވެ. ދަރިފުޅަށް ވިސްނައިދިނެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. މީޒާއަކަށް ގަބޫލެއް ނުކުރެވުނެވެ. ސަބަބު ވަރަށް ސާދާއެވެ. ހެކި ނެތީއެވެ. ތޯތޯވާހަކައަކަށް މައިންބަފައިން ބުރަވާތީއެވެ.
މީޒާއާއި ޖަނާންގެ ގުޅުން ބަދަހިވަމުންދިޔައީ ވަރަށް ހަލުވިކޮށެވެ. ދެ މީހުން ބައްދަލުވެއެވެ. މީޒާގެ ގެއަށް ޖަނާން ގެންނަން ފެށިއެވެ. ޖަނާންގެ ގެއަށް މީޒާ ދެއެވެ. މަންމަ ދެއްކި އެއްވެސް ވާހަކައެއް މީޒާއަކަށް ސާބިތެއް ނުވިއެވެ. ޖަނާނަކީ މަޑުމައިތިރި މީހެކެވެ. ދުރުވިސްނޭ، އޯގާވެރި މީހެކެވެ. މީޒާ ދެކެ ވަރަށް ލޯބިވެއެވެ. މީޒާގެ މައިންބަފައިންނަށް އިހުތިރާމުކުރެއެވެ. ހަފީޒާ ވެސް ބައެއް ފަހަރު ހިތަށްއަރައެވެ. މީހުން ދައްކަނީ ބުހުތާނު ވާހަކައެއް ހެއްޔެވެ؟ ޖަނާނަކީ ހާދަހާ ބަސްއަހާ، ޒިންމާދާރު ކުއްޖެކެވެ. އެކަމަކު، ހަފީޒާގެ ދަރިފުޅު ޖަނާނާ ރައްޓެހިވިކަން ހިސާބުގަނޑު މީހުންނަށް އެނގުނު ވަރަކަށް އެ މައްސަލަ ދިޔައީ ބޮޑުވަމުންނެވެ. އިރުއިރުކޮޅާ ކޮންމެވެސް މީހަކު ހަފީޒާއަށް ގުޅައެވެ. އާތިފަށް ގުޅައެވެ. ދަރިފުޅު ސަލާމަތްކުރަން އެދެއެވެ. ޖަމީލުގެ ހުރިހައި ދަރިންނަކީ ވެސް އަނބިންނަށް އަނިޔާކުރާ މީހުންކަމާއި، މީޒާގެ ދުވަސް ދުއްވައިލާނެކަމަށް ބުނެއެވެ. އެންމެ ފަހުން އާތިފުގެ ހިތުގައި ވެސް ޝައްކު އުފެދެން ފެށިއެވެ. މީހުން ކިޔާ އެއްޗަކާއި ޖަނާންގެ މިޒާޖާ ދިމާނުވާތީއެވެ.
"މަންމާ! އަހަރެން ބޭނުން މެރީކުރަން." މީޒާ އެ ނިންމުން ވެސް ނިންމިއެވެ.
ނުނިމޭ