ފުލުގައި އޮތް ލެވަންޓޭ އަތުން ޗެމްޕިއަން އެތުލެޓިކޯ ބަލިވެއްޖެ
ފުލުގައި އޮތް ލެވަންޓޭ އަތުން ޗެމްޕިއަން އެތުލެޓިކޯ ބަލިވެއްޖެ

މެޑްރިށް (ފެބްރުއަރީ 17) - ސްޕެނިޝް ލަ ލީގާގައި، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ލީގްގެ ފުލުގައި އޮތް ލެވަންޓޭއާ ރޭ ވާދަކުރި މެޗުން 1-0 އިން ބަލިވެއްޖެ އެވެ.

ޗެމުގައި ފެނުނު ހަމައެކަނި ލަނޑު 54 ވަނަ މިނިޓުގައި ޖަހައިދިނީ ރެއާލް މެޑްރިޑްގެ އެކަޑެމީ އިން ތަމްރީނު ވެގެން ސީނިއާ ކެރިއަރު ފެށި މިޑްފީލްޑަރު ގޮންޒާލޯ މެލޭރޯ އެވެ. އޭގެ ކުރިން ވެސް ލެވަންޓޭ އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެންހެލް ކޮރެއާ ބައިސިކަލް ކިކަކުން ލަނޑެއް ޖަހައި އެއްވަރު ކުރީ ކަމަށް ބެލެވުނަސް އޭގެ ކުރިން އެތުލެޓިކޯގެ ކުޅުންތެރިއަކު ފައުލް ކޮށްފައި އޮތުމުން ރެފްރީ އެ ގޯލު ބަލައެއް ނުގަތެވެ.

އިތުރު ވަގުތުގައި ލެވަންޓޭގެ މީކާއިލް މަލްސާ ދަނޑުގެ މެދު ރޮނގާ ހަމައިން ފޮނުވައިލި ބޯޅަ ހުރަސް ދަނޑިއާ އަމާޒު ވިއިރު، ހެކްޓާ ހެރޭރާ ނެގި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ބޮލުން ފޮނުވައިލުމުން ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިއީ އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑް ލީގްގައި ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ހަ ވަނަ މެޗެވެ. އެތުލެޓިކޯ މި ވަގުތު އޮތީ ލީގް ޓޭބަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 15 ޕޮއިންޓް މަދުން، 39 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.

މެޗަށް ފަހު އެތުލެޓިކޯ މެޑްރިޑްގެ ކެޕްޓަން އޮބްލަކް ބުނީ، ޓީމު އޮތީ ގަބޫލު ކުރެވޭ ފެންވަރެއްގައި ނޫން ކަމަށާއި ނަތީޖާ ރަނގަޅު ނުކުރެވިއްޖެ ނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގްގެ ޖާގައެއް ހޯދުން ވާނީ ދުރު ކަމެއް ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ނަތީޖާއެއް. އެންމެން ވެސް އެބަޖެހޭ އިތުރަށް މަސައްކަތް ކުރަން. އަހަރެމެން މި ތިބީ ރަނގަޅު ލެވެލަކު ނޫން،" އޮބްލަކް ބުންޏެވެ.

އަންނަ ހަފުތާގައި އެތުލެޓިކޯ މެޑްރިޑުން ޗެމްޕިއަންސް ލީގްގައި ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމު ލީގުގައި އޮސަސޫނާއާ ދެކޮޅަށް ނުކުންނާނެ އެވެ.