ބޮކުރީ ވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި
ބޮކުރީ ވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި

އަންނަ ސީޒަނުގައި ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅެން ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ނިންމައިފި އެވެ.

ބޮކުރީ ވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި
ބޮކުރީ ވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި

ފާއިތުވި ދެ ސީޒަނުގައި ވެސް މާޒިޔާ އަށް ކުޅުނު ބޮކުރީ "މިހާރަ"ށް ބުނީ އެ ޓީމުގައި މަޑުކުރަން ނިންމީ މި ވަގުތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

"އަންނަ އަހަރު ވެސް ފެންނާނީ މާޒިޔާ އިން. ހުރިހާ ކަމެއް ނިމިފައި އޮތީ. އެގްރިމެންޓުގައި ވަރަށް އަވަހަށް ސޮއިކުރާނަން،" ބޮކުރީ ބުންޏެވެ.

"މާޒިޔާގައި ވަރަށް ރަނގަޅު މެނޭޖްމަންޓެއް އެބައޮތް. އިތުރު ކާމިޔާބީ ހޯދޭނެ ކަމުގެ ފުރުސަތު ބޮޑީ ވެސް މި ޓީމުގައި މަޑުކޮށްގެން."

ވިކްޓަރީން ވިދާލި ބޮކުރީ އެންމެ ފުރަތަމަ މާޒިޔާ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. މާޒިޔާގައި ދެ ސީޒަން ހޭދަކުރިއިރު، ބޮކުރީ ވަނީ އެ ޓީމާ އެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު 2013 ވަނަ އަހަރު ބޮކުރީ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ ނިއުގެ ޓީމުގައި ބޮކުރީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެއަށް ފަހު 2014 ވަނަ އަހަރު ބޮކުރީ ފެނުނީ މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. އުފަން ރަށުގެ ޓީމު ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، އެ ޓީމަށް ލީގުގެ ގަދަ ހައެއް ކަށަވަރުކޮށްދިނުމުގައި ބޮކުރީގެ ދައުރު ބޮޑެވެ.

މިދިޔަ އަހަރު މާޒިޔާ އަށް ބަދަލުވުމަށް ފަހު އޭއެފްސީ ކަޕްގެ މެޗެއްގައި ބޮކުރީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޮޕަރޭޝަނަކަށް ފަހު އެނބުރި ކުޅުމަށް އައިސް ބޮކުރީ ވަނީ އަލުން ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.

މި އަހަރު މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ގިނަ މެޗުތަކެއް ބޮކުރީ ކުޅުނެވެ. އަދި މުހިއްމު ދަނޑިވަޅުގައި ކުޅެން އަރައި ތަފާތު ދެއްކި އެވެ. މުޅި ސީޒަނަށް ބަލާއިރު ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިންގެ ތެރޭގައި ބޮކުރީ ހިމެނެ އެވެ.

މާޒިޔާ އިން ވަނީ މި ސީޒަނުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނާ އެކު އެއްބަސްވުން އާ ކޮށްފަ އެެވެ. އެ ޓީމު ދޫކޮށް މިހާތަނަށް ދިޔަ ހަމައެކަނި ކުޅުންތެރިޔަކީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. ނައްޓޭ ބަދަލުވީ އީގަލްސް އަށެވެ.