13 ފެބުރުއަރީ 2022 - 05:49

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އާއި ރެޕް އާޓިސްޓް ކާންޔޭ ވެސްޓްއާ ދެމެދު ބޮޑު ކޯޅުންގަނޑެއް ފެށިއްޖެ އެވެ.
މި ކޯޅުންގަނޑު ފެށުނީ، މިފަހުން ބޭއްވި ބިލީގެ ކޮންސާޓެއްގައި ރެޕް އާޓިސްޓް ޓްރެވިސް ސްކޮޓް އަށް ބަދުބަސް ރައްދުވާ ފަދަ ގޮތަކަށް އޭނާ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ކާންޔޭ ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.
މިދިޔަ އަހަރު ނޮވެމްބަރުގައި ބޭއްވި ޓްރެވިސްގެ ކޮންސާޓަކަށް ދިޔަ ބަޔަކު ފިތިބާރުވެގެން ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވަނީ 10 މީހުން މަރުވެފަ އެވެ. އެކަމަކު އެ މީހުންނަށް ބެލުމެއް ނެތި ޓްރެވިސް ދިޔައީ ޝޯ ދެމުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ.
ކާންޔޭ މައްސަލައެއްގެ ގޮތުގައި ނަގައިގެން އުޅެނީ އެ ހާދިސާ އަށް ރައްދުވާ ގޮތަށް ބިލީ ބުނެގެން އުޅޭ އެއްޗެކެވެ.
އެޓްލަންޓާގައި ބޭއްވި ބިލީގެ ކޮންސާޓެއްގައި އެ ޝޯ ބަލަން ދިޔަ މީހަކު ނޭވާލާން އުނދަގޫވެގެން އުޅޭތަން ފެނުމުން އޭނާ އެ ޝޯ މެދުކަނޑާލި އެވެ. އަދި ޝޯ އަލުން ފަށަމުން ބިލީ ބުނީ އޭނާގެ ޝޯތަކުގައި އާންމުންގެ ރައްކާތެރިކަމަށް އޭނާ ބަލާ ކަމަށެވެ.
ކާންޔޭ އަށް މައްސަލައަކަށްވީ، އޭނާ އެހެން ބުނުމެވެ. އަދި އޭގެން ދޭހަވަނީ އެއީ ޓްރެވިސްގެ ކޮންސާޓްގައި ހިނގި ކަންތަކަކީ އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށް ދޭހަވުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ބިލީ ވަނީ ކާންޔޭގެ އެ ތުހުމަތުތައް ދޮގުކޮށް، އެހެން ބުނުމުގައި ޓްރެވިސް އަށް ބަދުބަސް ބުނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ބުނެފަ އެވެ.
ޓްރެވިސްގެ ކިބައިން ބިލީ މާފަށް ނޭދިއްޖެ ނަމަ، ކުރިއަށް އޮތް ވަރަށް ބޮޑު މިއުޒިކް ފެސްޓިވަލެއް ކަމަށްވާ "ކޮޗޭލާ" ގައި ޕާފޯމްނުކުރާނެ ކަމުގެ އިންޒާރު ވެސް ކާންޔޭ ދީފަ އެވެ. އެއީ އެ ފެސްޓިވަލުގައި ބިލީ ވެސް ޕާފޯމްކުރާ ގޮތަށް ވަނީ ހަމަޖެހިފައިވުމުންނެވެ.