13 ފެބުރުއަރީ 2022 - 00:30

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ނުވެ އުފުލެމުން ދާތީ އެސްޓީއޯއިން ތެޔޮ ވިއްކާ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ އެ ކުންފުންޏަށް ވެސް ތެޔޮ ލިބެނީ އަގުބޮޑުކޮށް ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން އެފްއެސްއެމް މެދުވެރިކޮށް ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ލިބޭނީ 13.04ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު 11.16ރ. އަށް ބޮޑުކުރި އިރު ޑީސަލް ލީޓަރެއްގެ އަގު 11.84ރ. އަށް ބޮޑު ކުރި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭ ވަރަށް އުފުލިފަ އެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެނީ 94.44 ޑޮލަރު (1،456ރ.) އަށެވެ.
ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2011 ވަނަ އަހަރު އެވެ. އެފަހަރު ފީފާއެއްގެ އަގު 115 ޑޮލަރަށް އެރި އެވެ.
މިއަހަރު ނިމޭއިރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.