13 ފެބުރުއަރީ 2022 - 05:50

ކުޑައިރު ކިޔެވުމުގެ ފުރުސަތު ނުލިބުނު ކެންޔާގެ 99 އަހަރުގެ އަންހެނަކު އޭނާގެ މުނިމާމަ ދަރިންނާ އެކު ސްކޫލަށް ކިޔަވަން ދާން ފަށައިފި އެވެ.

ޕްރިސްސިލާ ސިތިއޭނީ ކިޔާ އެ އަންހެން މީހާ ބުނި ގޮތުގައި އެ އުމުރުގައި ކިޔަވަން ފެށީ އޭނާގެ މުނިމާމަ ދަރިންނަށް މިސާލެއް ވެސް ދެއްކުމުގެ ގޮތުންނެވެ. އެ ކުދިންނާ އެކު އޭނާ ކިޔަވަނީ ގްރޭޑް ހައެއްގަ އެވެ. އެކަމުގައި އޭނާ އަށް އެ ކުދިންގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ލިބެ އެވެ. އަދި އޭނާ ސްކޫލަށް ދަނީ ވެސް ޔުނީފޯމުގަ އެވެ.
"އަހަރެން ބޭނުންވަނީ ޑޮކްޓަރަކަށް ވާން. އެއީ ކުރީގައި އަހަންނަކީ ފޫޅުމައެއް ވީމަ،" މިދިޔަ އަހަރު ސްކޫލަށް ދާން ފެށި އެ މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ސްކޫލުގައި ކިޔަވަން އޭނާ ވަރަށް ލޯބި ކުރެ އެވެ. އޭނާގެ މުނިމާމަ ދަރިންނާއި އަދި ކުލާހުގެ އެހެން ކުދިން ބައިވެރިވާ އިތުރު ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ. އަދި އޭނާ އަކީ މިހާރު އެ ކުލާހުގެ ކުލާސް މޮނީޓަރު ވެސް މެ އެވެ.
ކެންޔާގެ ސަރުކާރުން، 2003 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ޕްރައިމެރީ ސްކޫލްތަކުގައި ހާއްސަ ސަބްސިޑީއެއްގެ ދަށުން އަގުހެޔޮކޮށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. އެއާ އެކު އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ކުރިން ނުލިބި ތިބި އުމުރުން ދުވަސްވީ ބައެއް މީހުންނަށް ވެސް ކިޔަވަން ފުރުސަތު ލިބުނެވެ.
މިދިޔަ އަހަރު ސިތިއޭނީ ވަނީ އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ޑޮކިއުމެންޓްރީ ފިލްމެއް ކަމަށްވާ "ގޯގޯ" ލޯންޗުކުރަން ޕެރިސް އަށް ވެސް ގޮސްފަ އެވެ. އެ ފިލްމު މި އަހަރު ނިއު ޔޯކުގައި ލޯންޗުކުރަން އޭނާ ވަރަށް އަވަހަށް އެމެރިކާ އަށް ވެސް ދާނެ އެވެ.