12 ފެބުރުއަރީ 2022 - 22:15

ބޯކަމް، ޖަރުމަން (ފެބްރުއަރީ 12) - ޖަރުމަން ބުންޑެސްލިގާ ގައި މިރޭ ބޯކަމް އިން އަމިއްލަ ދަނޑުގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗް 4-2 އިން ކާމިޔާބުކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ޖަރުމަން ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްގެން ބުންޑެސްލިގާ އަށް ޕްރޮމޯޓްވި ބޯކަމްއާ ދެކޮޅަށް ބެޔާން އިން އަމިއްލަ ދަނޑުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުޅުނު މެޗް ކާމިޔާބުކުރީ 7-0 އިންނެވެ. އެއީ މި ސީޒަނުގައި ބުންޑެސްލިގާ ގައި ޓީމަކުން އެންމެ ނަތީޖާ ތަފާތު ބޮޑުކޮށް ނިމުނު މެޗެވެ.
މެޗުގެ ނުވަވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބެޔާން މިއުނިކަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ބެޔާން އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ފަސް މިނިޓަށެވެ. ބޯކަމްގެ މިޑްފީލްޑަރު ކްރިސްޓޮފާ އަންޓްވީ-އަޖޭއީގެ ލަނޑުން 14 ވަނަ މިނިޓުގައި އެއްވަރު ކުރިއިރު، ޑަޔޮޓް އުޕަމެކާނޯ އަތުގައި ބޯޅަ ޖެހިގެން 38 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ޔާގެން ލޮކާޑިއާ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކަމް އިން ވަނީ އިތުރު ދެ ލަނޑު ޖަހައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 40 ވަނަ މިނިޓުގައި ކޮސްޓަ ރިކާ ގެ ޑިފެންޑަރު ކްރިސްޓިއަން ގަމްބޯ ތިންވަނަ ލަނޑު ޖަހައިދިން އިރު، ހަތަރުވަނަ ލަނޑު 44 ވަނަ މިނިޓުގައި ޖަހައިދިނީ ޖަރުމަނަށް އުފަން، ފިލިޕީންސްގެ ގެރިޓް ހޯލްޓްމަން އެވެ.
މިއީ 1975 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއިންޓްރަކްޓް ފްރެންކްފާޓް އިން ބެޔާޏް 6-0 އިން ބަލިކުރި މެޗަށް ފަހު، ލީގު މެޗެއްގައި ބެޔާން ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ގޯލު ވަން ފުރަތަމަ ފަހަރެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ފްރެންކްފާޓް އިން ވަނީ ބެޔާން ކޮޅަށް ފަސް ލަނޑު ޖަހައިފަ އެވެ.
ބެޔާންގެ ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ލެވަންޑޯސްކީ އެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ކާމިޔާބުކުރި 26 ވަނަ ލަނޑެވެ.
މިއީ ލީގު އެއްވަނައިގައި އޮތް ބެޔާން މިއުނިކް މި ސީޒަނުގައި ލީގުގައި ބަލިވި ހަތަރުވަނަ މެޗެވެ. މި މެޗުން ބަލިވި ނަމަވެސް ބެޔާން ލީގު އެއްވަނައިގައި އޮތީ 22 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
ބޮރޫޝިއާ ޑޯޓްމަންޑް ދެވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެނެވެ. ލީގުގައި މާދަމާ ރޭ ޑޯޓްމަންޑުން ނުކުންނާނީ ފަސްވަނައިގައި އޮތް ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.