13 ފެބުރުއަރީ 2022 - 05:53

ބޮލީވުޑްގެ މަޝްހޫރު ތަރި، އަނުޝްކާ ޝަރްމާ އިއްޔެ ހަނދާންއާކުރީ ލޮކްޑައުން ތެރޭގައި އޭނާ ކެއްކުމުގައި އަވަދިނެތި އުޅުނު ގޮތެވެ. މަސައްކަތުގައި އުޅުމަށް ފަހު، ލޮކްޑައުންގައި ލިބުނު ބޮޑު ޗުއްޓީގައި އޭނާ ކުރި ކަމަކީ ވީޑިއޯތައް ބަލަބަލައިގެން ކެއްކުމެވެ.
"ތުރޯބެކް" ވީޑިއޯއެއް އިންސްޓަގްރާމް މެދުވެރިކޮށް އަނުޝްކާ ދޫކޮށްލި އިރު، އެއިން ފެންނަނީ އޭނާގެ ގޭގެ ބިއްދޮށުގައި ހައްދާފައި ހުރި ޓޮމާޓޯ ގަހުން ޓޮމާޓޯ ބިނދެގެން ޖޭމު ތައްޔާރުކުރަން އުޅޭ ތަނެވެ. އަދި އެ ވީޑިއޯގައި އޭނާ ޖޭމު ހަދަން ބޭނުންކުރި ސާމާނުތައް ވެސް ދައްކާލި އެވެ.
އެ ޖޭމު ހަދާ ނިންމުމުން، އޭނާގެ މަންމަ އާއި ބައްޕަ، ޕާނާ ޖަހައިގެން އެ ޖޭމު ކާންތިބި މަންޒަރު ވެސް އެ ވީޑިއޯގައި ފެނެ އެވެ.
ވީޑިއޯގެ ކެޕްޝަނުގައި އޭނާ ލިޔެފައި ވަނީ، އެއީ 2020 ވަނަ އަހަރުގެ ލޮކްޑައުން ތެރޭ ވަރަށް ގިނައިން ކައްކާ ވީޑިއޯ ބެލުމަށް ފަހު އޭނާ ތައްޔާރުކުރި ޖޭމު ކަމަށެވެ. އަދި އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް ހީކުރީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވާނެ ކަމަށް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދިރިއުޅުމުގެ އެކި ކަންކަން އަނުޝްކާ އާންމުކޮށް ވެސް ހިއްސާކުރެ އެވެ.