12 ފެބުރުއަރީ 2022 - 20:02

މެންޗެސްޓާ (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަން އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ 10 މިނިޓުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހަން ހުސް ފުރުސަތުތައް ލިބި، ބޭނުން ނުކުރެވިފަ އެވެ. ޖޭޑަން ސަންޗޯ، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ވެސް ނައްޓާފައި ފޮނުވާލި ބޯޅަ ދިފާއުކުރީ ސައުތެމްޓަންގެ ޑިފެންޑަރު ރޯމައިން ޕެރޫޑެވެ.

އޭގެ އިރުކޮޅެއް ފަހުން ސައުތެމްޓަން އިން ވެސް ނުރައްކާ ކުރި އެވެ. ކައިލް ވޯކާ ޕީޓާސް ގޯލު ކުރިމައްޗަށް ޖައްސާލިއިރު ގޯލު ކުރިމަތީ ޗޭ އެޑަމްސް ހުރި ނަމަވެސް އޭނާއަށް މާ ރަނގަޅަށް ފޮނުވައި ނުލެވި، ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ޖޭމްސް ވާޑް ޕްރައުސް އަށެވެ. އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ބްލޮކް ކުރުމާ އެކު ބޯޅަ ހޯދައި، ޔުނައިޓެޑުން އުފެއްދި ކައުންޓާ އެޓޭކުގައި ސަންޗޯ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ އެވެ.

ޔުނައިޓެޑުން ލީޑު ނެގީ 21 ވަނަ މިނިޓުގަ އެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ރަޝްފޯޑް އަރިމަތިން އަރައިގެން ގޮސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަންޗޯ އެވެ.
މި ހާފުގެ ފަހު ފަސް މިނިޓުގައި ސައުތެމްޓަން އިން ވަނީ ޔުނައިޓެޑްގެ ގޯލަށް ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. ޕައިލް ޕޮގްބާ ދިފާއުކުރަން ބޮލުން ޖައްސާލި ބޯޅައެއް ގޯލު ކައިރިން އެޑަމް އާމްސްޓްރޯންގަށް ލިބުމުން އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ކީޕަރު ޑެހެއާ ދިފާއު ކުރިއިރު، ޕެރޫޑް އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ވެސް ދިފާއުކުރީ ޑެހެއާ އެވެ.
އެންމެ ފަހު މިނިޓުގައި ރޮނާލްޑޯ ދިން ބޯޅައަކުން ޕައުލް ޕޮގްބާ ޔުނައިޓެޑަށް ދެވަނަ ލަނޑެއް ޖެހި ނަމަވެސް، ބޯޅަ ލިބުނުއިރު ރޮނާލްޑޯ ހުރީ އޮފްސައިޑު މަގާމެއްގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ސައުތެމްޓަން އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މުހައްމަދު އަލް ޔޫނުސީ ދިން ބޯޅައަކުން ޗޭ އެޑަމްސް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 54 ވަނަ މިނިޓުގައި އާމަންޑޯ ބްރޯޔާ ފޮނުވާލިބާރު ހަމަލާއެއް ޑެހެއާ ދިފާއު ކުރިއިރު، އޭގެ ދެ މިނިޓު ފަހުން ބްރޫނޯ ފެނާންޑޭޒް ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ހެރީ މެގުއާ ފޮނުވާލުމުން ކީޕަރު ފޮސްޓާ ވަނީ ދިފާއު ކޮއްފަ އެވެ. އަދި ގާތްގާތުގައި ރޮނާލްޑޯ އާއި ޑިއޯގޯ ޑަލޮޓް ފޮނުވާލި ބާރު ދެ ހަމަލާ ވެސް ފްރޭޒާ ދިފާއު ކުރި އެވެ.
ސައުތެމްޓަން އަށް ދެން ލިބުނު ހުސް ފުރުސަތުގައި އާމްސްޓްރޯންގް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. ފެނާންޑޭޒްގެ ފްރީކިކަކުން ސަންޗޯ ޖައްސާލި ބޯޅައެއްގައި ރޮނާލްޑޯ ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގަން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުގެ އެހީގައި އޮފްސައިޑު ކަމަށް ނިންމައި އެގޯލު ބަލައިގަނެފައެއް ނުވެ އެވެ. އަދި އޭގެ ފަހުން ފެނާންޑޭޒް ދިން ބޯޅައަކުން ރަޝްފޯޑް ފޮނުވާލި ބޯޅަވެސް ދިޔައީ މަޑުމަޑުން ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުތެރޭ މެގުއާ ވަނީ އިތުރު ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. ނަމަވެސް ފެނާންޑޭޒް ނަގައިދިން ފްރީކިކަކުން ބޮލުން މެގުއާ ފޮނުވާލި ބޯޅަ ވެސް ސައުތެމްޓަންގެ ކީޕަރު ފޮސްޓާ ވަނީ ދިފާއު ކޮށްފަ އެވެ.
ޔުނައިޓެޑުން މި މަހު ލީގުގައި، ޓޭބަލްގެ ފުލުގައި އޮތް ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި މި މަހު އެފްއޭ ކަޕުގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީއިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
މިރޭގެ ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ މެޗު ކާމިޔާބު ކޮށްގެން ޓޭބަލްގެ ހަތަރުވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓް ހަމަކޮށްގެން ފަސްވަނައިގަ އެވެ. ފައިދާ ގޯލުގެ ތަފާޔުން ވެސްޓް ހޭމް ޔުނައިޓެޑަށް ހަތަރުވަނަ ލިބޭ އިރު، ޔުނައިޓެޑްގެ ފަހަތުގައި ޓޭބަލްގެ ހަވަނައިގައި އެއް ޕޮއިންޓް މަދުކޮށް އޮތީ އާސެނަލް އެވެ. އާސެނަލް ހަވަނައިގައި އޮތީ ދެ މެޗް މަދުން ކުޅެގެންނެވެ. ސައުތެމްޓަން އޮތީ 29 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.