ލަންކާގެ އިގްތިސާދު ޑީފޯލްޓެއް ނުވާނެ: ސެންޓްރަލް ބޭންކް
ލަންކާގެ އިގްތިސާދު ޑީފޯލްޓެއް ނުވާނެ: ސެންޓްރަލް ބޭންކް

ލަންކާ އިން ނަގާފައިވާ ދަރަނި ނުދެއްކި ގައުމު ޑީފޯލްޓް ވެދާނެ ކަމުގެ ރިސްކެއް ނެތް ކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.

ލަންކާގެ ސެންޓްރަލް ބޭންކުން ބުނީ، އެގައުމުން އަދާ ކުރަން ޖެހޭ ދަރަނިތައް، އޮންނަ އުސޫލުގެ ތެރެއިން މިހާތަނަށް ދައްކަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ތެރޭ އަނބުރާ ދައްކަން ޖެހޭ އިތުރު ދަރަނިތައް ދައްކާނެ ކަމަށް ލަންކާގެ ސެންޓްރަލް ބޭންކުން ބުންޏެވެ.

ކޮވިޑާ ގުޅިގެން ލަންކާގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އިނދަޖެހިފަ އެވެ. އަދި އެ ގައުމުގެ އެކްސްޗޭންޖް ރޭޓް ވަނީ ވަރަށް ބޮޑަށް ވެއްޓި، ރިޒާވް މިވަގުތު ވަނީ 2.36 ބިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

"ސަރުކާރާ ގުޅިގެން ދަރަނި އަދާ ކުރުމުގައި ކަން ކުރާނެ ގޮތްތައް މި އަންނަނީ ބަލަމުން. ލަންކާގެ އިގްތިސާދު ޑީފޯލްޓްވެދާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އަދިި ގައުމުގެ ހާލަތު އެ ހިސާބަކަށް ނުވެއްޓޭ،" މިދިޔަ ބުދަ ދުވަހު ލަންކާގެ ސެންޓްރަލް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ގައުމުގެ ސެންޓްރަލް ބޭންކުން ބުނި ގޮތުގައި ގައުމުގެ އިގްތިސާދު ހަރުދަނާކޮށް އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުުތައް އަންނަނީ އަޅަމުންނެވެ.

ލަންކާ އިން 12.6 ބިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފައިވާ އިރު އޭގެއިން އެއް ބިލިއަން ޑޮލަރު އަންނަ ޖުލައި މަހަށް ހަމަވާނެ އެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕްގެ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ. އަދި ގައުމުން ވަނީ އެއް ބިލިއަން ޑޮލަރު ހޯދަން އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. ޗައިނާއަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް އެ ގައުމާ އެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ ސަރުކާރުން ވަނީ ޓޫރިސްޓުންނަށް ހުޅުވާލުމުން އެގައުމުގެ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފަ އެވެ.