12 ފެބުރުއަރީ 2022 - 10:46

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ސ. ފޭދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް މިއަދު ހުޅުވައިފި އެވެ.

"މާމަ، ކާފަ" ޕާކުގެ ނަމުގައި މި ޕާކު ހުޅުވީ އިސްރަށްވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތައް ބޭއްވުމަށެވެ. މި ޕްރޮޖެކްޓް ހިންގީ ފޭދޫގެ ރައްޔިތެއް ކަމަށްވާ ޝިމްލާ އަހުމަދެވެ.
ޝިމްލާ ބުނީ މިޕާކު ތަރައްގީ ކުރަން ޕްރޮޕޯސަލް ހުށަހެޅީ އެ ރަށުގެ އިސްރަށްވެހިންނަށް އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލާނެ މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ މާމަ އަދި ކާފަމެން އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލައި، ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދައިދިނުމަށް ތަރައްގީ ކުރި ޕާކެއް. އަޅުގަނޑުގެ އުއްމީދަކީ އުފާވެރި، ހެލިފެލިވެ އުޅޭ މާމަ އާއި ކާފަމެން މި ޕާކުން ގިނައިން ފެނުން،" ޝިމްލާ ބުންޏެވެ.
ބޭންކުގެ އެހީގައި ހުޅުވި މި ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗުތައް ބަހައްޓައި ޕާކަށް އަންނަ މީހުންނަށް ކެރަމާއި ތާސް އަދި ރާޒުވާ ފަދަ ކުޅިވަރުތައް ކުޅޭވޭނެ ގޮތަށް މޭޒާއި ގޮނޑިތައް ވެސް ބަހައްޓާފަ އެވެ. އެކި ޖަމިއްޔާތަކާ ގުޅިިގެން ހެލްތު ޗެކަޕް ފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް މި ޕާކުގައި ހިންގާނެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްތަކުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ފަންޑެކެވެ. މި ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގަން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.