12 ފެބުރުއަރީ 2022 - 07:01

ހިންދީ ފިލްމުތަކުން ކުރިން ނުފެންނަ ވަރަށް ގައިގޯޅި މަންޒަރުތަކެއް ހިމަނާފައި ވާތީ ފާޑުކިޔުން އަމާޒުވި ދީޕިކާ ޕަދުކޯންގެ އާ ފިލްމު "ގެހެރިޔާން" އިއްޔެ ސްޓްރީމް ކުރަން ފެށިއިރު، އާންމުންގެ ފަރާތުން އެ ފިލްމަށް ލިބުނު ތަރުހީބު ކުޑަވެއްޖެ އެވެ.
މި ފިލްމު ބެލުމަށް ފަހު ޓުވިޓާގައި އާންމުން ލިޔުނު ރިވިއުތަކުގެ ތެރޭގައި ގިނައީ ނެގެޓިވް ކޮމެންޓުތަކެވެ. އެކަމަކު، މި ފިލްމުގެ ލީޑް ކާސްޓުގައި ހިމެނޭ ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވެދީ އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. ލީޑުން ދެން ފެންނަ އަނަންޔާ ޕާންޑޭ އާއި ދައިރިއާ ކަރްވާ އަށް ވެސް ތައުރީފުކުރި އެވެ.
މީހުންނަށް ކަމުނުދިޔައީ މީގެ ޕްލޮޓެވެ. ބައެއް މީހުން ފާހަގަކުރި ގޮތުގައި ފިލްމުގެ ފެށިގެން އައި ގޮތް ރީތި ނަމަވެސް، ވަކި ހިސާބަކުން ފޫހިކޮށްލަ އެވެ. އަދި ފިލްމު ނިންމަން ގެންނަ ޕްލޮޓް ޓުވިސްޓް ވެސް ކަމުނުދާ ކަމަށް ބުނެފައިވެ އެވެ.
"ގެހެރިޔާ" އަކީ ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ ޑާކް ރިލޭޝަންޝިޕް ޑްރާމާއެކެވެ. މި ފިލްމު އެޅުވުމުގެ ކުރިން ވެސް މީގައި ވަރަށް ގިނަ ގައިގޯޅި މަންޒަރުތައް ހިމެނޭތީ އާންމުންގެ ފާޑުކިޔުންތައް ލިބުނެވެ.
ހާއްސަކޮށް ކައިވެންޏެއް ކޮށްގެން އުޅޭ ދީޕިކާ، އެހެން ފިރިހެނަކާ އެކު މާ ގައިގޯޅި މަންޒަރުތައް ކުޅެފައި ހުރުމުން އިންޑިއާގައި ގިނަ ބަޔަކު އެކަން މައްސަލައެއްގެ ގޮތުގައި ނެގި އެވެ. އެ ވާހަކަތަކަށް ދީޕިކާ ރައްދުދީ ބުނެފައި ވަނީ އެއީ ކުޅެން އުނދަގޫވި މަންޒަރުތަކެއް ކަމަށާއި އެއީ ހަމަ "ޕްރޮފެޝަނަލް އެކްޓިން" ކަމަށެވެ.
މި ފިލްމަކީ ދީޕިކާގެ ކެރިއަރުގައި މިހާތަނަށް އޭނާ ކުޅުނު އެންމެ "ބޯލްޑް" ފިލްމު ގޮތުގައި ޕްރޮމޯޓް ވެސް ކުރި އެވެ.
މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ އިން މި އަހަރު ގެނެސްދޭން އިއުލާންކުރި ހަތް ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ މޭރާ ނާމް" އާއި "ޖުގް ޖުގް ޖިޔޯ" އާއި "ބުރައްމަސްތުރާ" އާއި "މިސްޓަ އެންޑް މިސިޒް މާހީ" އާއި "ޔޯދާ" އަދި "ލައިގާ" ހިމެނެ އެވެ.