11 ފެބުރުއަރީ 2022 - 23:09

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ނިންމައިފި އެވެ.
ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެއީ މާލެ ސަރަހައްދުގައި ޕިކްނިކަށް ދާނެ ރަށެއް ނެތުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުންނެވެ.
ކުޑަގިރީގައި އިމާރާތްކުރާ 150 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގަތެވެ. މިސްކިތް އިމާރާތް ކުރަނީ ފެނަކަ ކޯޕަރޭޝަންގެ އެހީގަ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އެރަށުގެ މިސްކިތް އިމާރާތް ކުރާއިރު، ދަތުރުކުރާ މީހުންނަށް ޚާއްސަ ކޮށްގެން އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން އޮތީ ނިންމައިފަ އެވެ.
ކުޑަގިރި ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއް ޕިކްނިކް އައިލެންޑަކަށް ހެދުމަށެވެ. އެކަމަކު ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް، ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާ ގޮތަށް ހަމަޖެއްސި އެވެ.