11 ފެބުރުއަރީ 2022 - 19:13

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށްލާން ސްރީލަންކާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެެއް ކޮލަމްބޯގެ ކޯޓަކުން އިއްވީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާ ޖަލަށްލީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށް އެ ނޫސްތަކުގައިވެ އެވެ. އެކަމަކު އޭނާއާބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ މީހާ ހައްޔަރުކުރީ 2016 ވަނަ އަހަރު ބަމްބަލަޕިޓިޔާއިންނެވެ.
އެ މައްސަލާގައި އެހެން މީހެެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ވަކި މިންވަރަކަށް ގެންގުޅުމަކީ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ވެސް ދެވިދާނެ ކުށެކެވެ. އެކަމަކު ފަހުގެ ތާރީޚެއްގައި ޑްރަގް މައްސަލައެއްގައި މަރުގެ އަދަބު ލަންކާގައި ދީފައެއް ނުވެ އެވެ.