އިންޑިއާއަށްދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި
އިންޑިއާއަށްދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާ އަށް އެތެރެވުމަށް ފަހު، ހަތް ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އޮތް އުސޫލަށް ބަދަލު ގެނެސްފި އެވެ.

އިންޑިއާ އަށް ދަތުރުކުރާ މީހުން ހަތް ދުވަހަށް ގޭގައި ކަރަންޓީނުވާ ގޮތަށް ނިންމީ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެކަމަކު އެ ނިންމުން ބުރާސްފަތި ދުވަހު މުރާޖާކުރުމަށް ފަހު އިންޑިއާ ސަރުކާރުން ނެރުނު ގައިޑްލައިންގައި ވަނީ އެ ގައުމަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެކަަމަކު ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، 14 ދުވަހަށް ކަރަންޓީނުވުމަށް ވެސް އެދިފައިވެ އެވެ.

މިހާރު އަލަށް ނެރެފައިވާ ގައިޑްލައިނަށް އަންނަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ އިރު އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ފިޔަވަޅުތައް ލުއި ކުރުމުން، އަންނަ ބަދަލުތައް ވެސް މޮނިޓާކުރަމުންދާނެ ކަމަށެވެ. އަދި މި ވަގުތު ދިން ލުޔަކީ އިގްތިސާދީ ހާލަތަށް ވެސް ބަލައި ދިން ލުޔެއް ކަމަށެވެ.

އަލަށް އަމަލުކުރާ އުސޫލުގެ ދަށުން އިންޑިއާ އަށް އެތެރެވާ އެންމެން ވެސް ސެލްފް ޑިކްލަރޭޝަން ފޯމެއް އޮންލައިންކޮށް ފުރަންޖެހެ އެވެ. ހަތްދިހަ ދެ ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކޮވިޑުން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބައެއް ފިޔަވަޅުތައް ވެސް އަޅައި ހާލަތު ރަނގަޅުވަމުންދަނިކޮށް އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން އިންޑިއާ އަށް އައި ކޮވިޑުގެ ތިން ވަނަ ރާޅުގައި ދުވާލެއްގެ މައްޗަށް 350،000 އެއްހާ މީހުންނަށް މިދިޔަ މަހުގެ މެދު ތެރޭގައި ކޮވިޑް ޖެހުނެވެ. އެކަމަކު މިހާރު އަނެއްކާ ވެސް ކޭސްތައް ފެންނަ މިންވަރު ލައްކައަކަށް ވުރެ ދަށެވެ.