ދިގު މެދުކެނޑުމަކަށް ފަހު ބާސްކެޓްބޯޅަ ސީޒަން ފަށަނީ
ދިގު މެދުކެނޑުމަކަށް ފަހު ބާސްކެޓްބޯޅަ ސީޒަން ފަށަނީ

ގައުމީ ފެންވަރުގައި ބާސްކެޓް ކުޅުން ދިގު މުއްދަތަކަށް ހުއްޓިފައި އޮތުމަށް ފަހު، މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން މާދަމާ ފަށަން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ތައްޔާރު ވެއްޖެ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ކުރީކޮޅު ބާސްކެޓްބޯޅަ ގައުމީ ލީގާއި ގައުމީ މުބާރާތް ބޭއްވި ފަހުން، ކޮވިޑް-19 އާ ގުޅިގެން، ގައުމީ ފެންވަރުގައި ރާއްޖޭގެ ބާސްކެޓުބޯޅަ އޮތީ ހުއްޓިފަ އެވެ. ބާސްކެޓް ގައުމީ މުބާރާތްތައް ކުރިޔަށް ގެންދާ މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު ބޭނުން ކުރަމުން އައީ ކޮވިޑް ވެކްސިން ޖެހުމަށާއި ފުލޫ ކުލިނިކެއްގެ ގޮތުގަ އެވެ.

މާދަމާ ބާސްކެޓްބޯޅަ ސީޒަން ފަށާނީ 15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުންނެވެ. ފިރިގެން ދެ ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނޭ ލީގު މާދަމާރޭ ފަށާނީ ފިރިހެން ދެވަނަ ޑިވިޝަނުގެ ވައިކިންގްސް ބާސެކްޓްބޯޅަ ކުލަބާއި ވުލްވްސް ބާސްކެޓްބޯޅަ ކުލަބުގެ މެޗުންނެވެ.

ފިރިހެން ދެވަނަ ޑިވިޝަނުގައި ނުވަ ޓީމު ވާދަކުރާއިރު، ފުރަތަމަ ބުރުގައި ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ފުރަތަމަ ގުރޫޕުގައި ހިމެނެނީ ވައިކިންސް، ރޯޔަލްސް، ނައިޓްސް، ވައިޕާސް އަދި ވުލްވްސް ބާސްކެޓްބޯޅަ ކުލަބެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ ޓެލޯންސް ބީސީ އާއި ސްޕާޓަންސް ބީސީގެ އިތުރުން ޔޫއެން ފްރެންޑްސް އާއި ހުޅުމާލެ އެސްސީ އެވެ. ދެވަނަ ބުރަށް ހޮވެނީ ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމެވެ.

ފިރިހެން އެއްވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނުގައި ވެސް ހަ ޓީމު ވާދަކުރެ އެވެ. ފިރިހެން ޑިވިޝަނުގައި ވާދަކުރާނީ ރެޑްވިންގްސް އާއި ރެޕްޓާސް އާއި ބައުސް އަދި ސްޓިންގާސް އާއި ޓީރެކްސްގެ އިތުރުން ލީގުގެ ތަށި މިލްކުކުރަން ނުކުންނަ ކިންގްސް ބީސީ އެވެ. އަދި އަންހެން ޑިވިޝަނުގައި ވާދަކުރާނީ ކުއީންސް އާއި ލަޔަނެސް، ސައިކްލޯން ބީސީގެ އިތުރުން ބެންޗް އެސްސީ އާއި ކީންސް އެސްސީގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް އެލީޓް ސްޕޯޓްސް ކުލަބެވެ.

މި ދެ ޑިވިޝަން ވެސް ފަށަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު އަންހެން ޑިވިޝަން ފަށާނީ އެންމެ ފަހުގެ ޗެމްޕިއަން ކުއީންސް އާއި ލަޔަނެސް ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުންނެވެ. އެ ދުވަހުގެ ރޭ ފިރިހެން އެއްވަނަ ޑިވިޝަން ފަށާ މެޗުގައި ބައްދަލުކުރާނީ ބައުސް ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ރަނަރަޕް ޓީރެކްސް ބާސްކެޓްބޯޅަ ކުލަބެވެ. އެއަށް ފަހު ރެޑް ވިންގްސް ބާސްކެޓްބޯޅަ ކުލަބާއި ރެޕްޓާސް ބާސްކެޓްބޯޅަ ކުލަބު ވެސް ބައްދަލުކުރާނެ އެވެ.

ގައުމީ ލީގަށް ފަހު ދެން ކުޅޭނީ، ގައުމީ ލީގު ޑިވިޝަންތަކުގެ ގަދަ ހަތަރު ޓީމު ވާދަކުރާ 39 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތެވެ. ގައުމީ މުބާރާތުގެ ފިރިހެން ދެ ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ކުޅުން ކުރިޔަށްދާނީ މާޗު 12-17 އަށެވެ.