މެދުމިން އުންމަތުގެ ޚާއްސަ ސިފަތަކާއި އޭގެ މަންފާތައް
މެދުމިން އުންމަތުގެ ޚާއްސަ ސިފަތަކާއި އޭގެ މަންފާތައް

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެވެ. މެދުމިނުގެ އުންމަތަކަށް ވުމުން އެހެން އުންމަތްތަކަށް ލިބިގެންނުވާ ވަރަށް ޚާއްސަ ސިފަތަކެއް ލިބިގެންވެ އެވެ. އަދި އޭގެސަބަބުން މުސްލިމުންނަށް މުހިންމު މަންފާތަކެއް ލިބެ އެވެ. މި މަންފާތަކުން މުސްލިމުން ފައިދާ ލިބިގަނެ އުންމަތަށް ލިބިފައިވާ މެދުމިންވަންތަކަން ދެމެހެއްޓުމަށް މުސްލިމުން މަސައްކަތް ކުރަންޖެހޭނެ އެވެ. މިސަބަބަށްޓަކައި މެދުމިން އުންމަތުގެ ޚާއްސަ ސިފަތަކަކީ ކޮބައިކަން އެންމެ ފުރަތަމަ ދެނެގަންނަންޖެހެ އެވެ.

މެދުމިންވުމާ ގުޅުން ހުރި ޚާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އަދުލުވެރިކަމެވެ. އިސްލާމީ ޝަރީއަތުގައި އަދުލުވެރި ކަމަކީ ހެކިވެރިންގެ ހެކި ގަބޫލުކުރުމަށާއި ވެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ހަމަ ކޮންމެހެން ލާޒިމުވާ ޝަރުތުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. އަދި އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެއްކަން ބަޔާންކޮށްފައިވާ އާޔަތުގައިވާ "ވަސަޠިއްޔަތު" ގެ މާނައަކީ އަދުލުވެރިކަން ކަމުގައި ތަފުސީރު ޢިލްމުވެރިން ވިދާޅުވެ އެވެ. އަދުލުވެރިކަމުގެ ހަގީގީ މާނައަކީ އިދިކޮޅު ނުވަތަ ދެކޮޅުން ބައްދަލުކުރާ، ދެކަމެއްގެ ދެމެދުގައި އެއްވެސް ވަކި އަތަކަށް އަނެއް ފަރާތް ހިއްސާ ނުވާ ގޮތަކަށް ގެއްލުމެއް ނުވަތަ މަންފާއެއް ވިއަސް ނުވާނެ ގޮތަށް އެދެމެދުގައި ވަޒަން ހިފެހެއްޓުމެވެ. ދެ ފަރާތަށް ވެސް ހައްގުވާ ކަންކަން އިންސާފުވެރި ގޮތުގައި ލިއްބައިދިނުމެވެ. އަދުލުވެރިކަމަކީ ހަގީގަތުގައި މެދުމިނުގެ ނިޒާމަށް ލިބިފައިވާ އެންމެ މުހިންމު ސިފަ އެވެ. މި ސިފައިގެ ސަބަބުން އެންމެންނަށް ވެސް އިންސާފު ހޯދައިދެވެ އެވެ.

މެދުމިންވުމާ ގުޅޭ ދެވަނަ ޚާއްސަ ސިފައަކީ ސީދާވުމެވެ. އެއީ ލެނބުމާއި އަތްއަތަށް ޖެހުން ފަދަ ކަންކަމުން ސަލާމަތްވެ ސީދާވެގެން ހުރުމެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ފާތިޙާގައި އެވާ "ސީދާވެގެންވާ ތެދުމަގު" ގެ މާނައަކީ ތަފުސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ސީދާކަން ގެއްލިފައިވާ މަގުތަކުގެ މެދުގައި ސީދަލަށް އޮންނަ މަގެވެ. ނުވަތަ ދެ ނުކުތާއަކަށް ގުޅާލެވޭ ބައިވަރު ރޮނގުތަކެއް އަޅާއިރު އޭގެ ތެރެއިން މެދުގައި އެއްވެސް ލެންބުމެއް ގުދުކަމެއް ނެތި ސީދާ ސީދަލަށް ގުޅާލެވިފައިވާ ރޮނގެވެ. އެއީ ސީދާކަން ލިބިގެންވާ މެދުމިނުގެ މަގެވެ. ވީމާ މެދުމިނުގެ އުންމަތުގެ މީހުންނަކީ ސީދާވެގެންވާ މަގުގައި ތިބެން އަބަދުވެސް މަސައްކަތްކުރަން ޖެހޭ ބައެކެވެ. އެހެންވެ މުސްލިމުން ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް އެދެންޖެހެ އެވެ. އަދި މިއާ އެކު ސީދާ ނޫން މަގުތަކުން ދާން ބޭނުން ނުވާކަން ހާމަކުރަން ޖެހެ އެވެ.

މިހެންވެ މުސްލިމުން އެދެނީ ﷲ އެބަޔަކަށް ނިއުމަތް ދެއްވި މީހުން (އެބަހީ ﷲއަށް އީމާންވީ މީހުން) ގެ މަގުކަމާއި، ﷲގެ ކޯފާ އެބަޔަކަށް ލިބުނު މީހުން (އެބަހީ ޔަހޫދީން) ގެ މަގާއި ﷲ އެ ބަޔަކު ގެއްލެނި ކުރެއްވެވި މީހުން (އެބަހީ ނަޞާރާއިން) ގެ މަގު ނޫން ކަން ބަޔާންކުރެ އެވެ. މި ދެބައިމީހުންގެ މަގު ސީދާ ނުވީ މި ދެބައިމީހުންނަށް ﷲ ބާވާލެއްވި ޝަރީއަތަށް ކިޔަމަންނުވުމާ އަދި އެއަށް ބޭނުން ބަދަލުތަކެއް ގެނައުމުގެ ސަބަބުންނެވެ. އަދި އޭގެ ފަހުން ސީދާވެގެންވާ މަގު (އެބަހީ އިސްލާމް ދީން) އައުމުން އެ ގަބޫލު ނުކުރުމުގެ ސަބަބުންނެވެ.

ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ކަންކަމުގައި މި ދެބައި މީހުން ކޮންމެވެސް އެއްކޮޅަކަށް ވަނީ ހައްދުފަހަނަޅައި ގޮސްފަ އެވެ. މިގޮތުން ޔަހޫދީން ނަބީން ގަތުލުކުރި އިރު ނަސާރާއިން ނަބީން އިލާހުން ކަމުގައި ބެލި އެވެ. ޔަހޫދީން ހުއްދަތަކެތި ހަރާމް ކުރުމުގައި ހައްދުފަހަނައެޅި އިރު ނަސާރާ އިން ހުއްދަ ނޫން ތަކެތި ހަލާލު ކުރުމުގައި ހައްދުފަހަނައެޅި އެވެ. ޔަހޫދީން މާއްދިއްޔަތުގައި ހައްދުފަހަނައަޅައި ދިޔަ އިރު ނަސާރާ އިން ރޫހާނިއްޔަތުގައި ހައްދުފަހަނައަޅައި ދިޔަ އެވެ. މި ދެބައިމީހުންގެ ހައްދުފަހަނައެޅުމާ ޚިލާފަށް އިސްލާމް ދީން މަގުދައްކަނީ ސީދާވެގެންވާ މަގަށެވެ. އެއީ މެދުމިނުގެ މަގެވެ.

މެދުމިންވުމާ ގުޅޭ ތިންވަނަ ޚާއްސަ ސިފައަކީ ހެޔޮކަމުގެ ދަލީލެއް ކަމުގައި މެދުމިން ވުމެވެ. މާއްދިއްޔަތުގައި ވެސް އަދި މައުނަވިއްޔަތުގައި ވެސް މާތްކަމާއި ހެޔޮކަން ލިބިފައިވަނީ މެދުމިނަށެވެ. ކަރުގައި އަޅާ ފަށެއްގައި ވެސް އެންމެ އަގު ބޮޑު ބަޔަކީ އޭގެ މެދުގައިވާ ފަށުފުލެވެ. ގައުމެއްގެ ރައީސަކީ ވެސް އެ ގައުމެއްގެ އެހެން އެންމެން ތާބާވާން އެންމެ ރަނގަޅު ކަމަށް ފެންނަ މީހާ އެވެ. ކަންކަން ކުރުމުގައި ވެސް މެދުމިނަކީ އެންމެ ހެޔޮ ގޮތެވެ. އެހެންވެ އަރަބިންގެ ހިކުމަތްތެރި ބަހެއްގައި ވެސް ވަނީ އެންމެ ހެޔޮ ގޮތަކީ މެދުމިނުގެ ގޮތް ކަމުގަ އެވެ. މެދުމިން އުންމަތެއް ކަމުގައި ލެއްވީމޭ އޮންނަ ބަސްފުޅުގައިވާ "ވަސަޠަން" ގެ މުރާދު ކަމުގައި އިބްނު ކަޘީރު ވިދާޅުވަނީ އެއީ ހެޔޮކަން ލިބިގެންވުން ކަމަށެވެ. ޤުރައިޝުންނަކީ ޢަރަބިންގެ ތެރެއިން މެދުމިނުގައިވާ ބައެކޭ ބުނާ ބަހުގެ މުރާދަކީ ވެސް ނަސަބުގެ ގޮތުންނާއި ތަނުގެ ގޮތުން އެންމެ ހެޔޮ މީހުން ކަމަށް ވުމެވެ. ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން މެދުމިނުގެ ސާހިބާ ކަމުގައިވެސް ބުނެވެނީ އެންމެ ހެޔޮ މީހާއޭ ބުނަން ވެގެންނެވެ. ނަމާދުތަކުގެ ތެރެއިންވެސް އެންމެ ހެޔޮ ނަމާދަކީ މެދު ނަމާދު ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.

މެދުމިންވުމާ ގުޅޭ ހަތަރުވަނަ ޚާއްސަ ސިފައަކީ އަމާންކަން ލިބިގެންވުމެވެ. އެހެނީ އަބަދުވެސް މެދަކީ އެންމެހާ ނުރައްކާތަކުން އެންމެ ސަލާމަތްތެރިކަން ލިބޭ ހިސާބު ކަމަށްވާތީ އެވެ. މެދަކީ ވަށައިގެން އެތައް ފަށަލައަކުން ހިމާޔަތް ކުރެވިގެންވާ ސަރަހައްދެކެވެ. ހަމަ މިފަދައިން މައުނަވީ ކަންކަމުގައި ވެސް މެދުމިނުގައިވާ ކަމަކީ އަރިމަތީގައި ހުންނަ ކަންކަމަށް ވުރެ ސަލާމަތް ކަމާއި ރައްކާތެރިކަން ލިބިގެންވާ ކަންކަމެވެ. ވީމާ އެކިއެކި ނިޒާމުތަކުގައި ވެސް، ދިރިއުޅުމުގެ މަންހަޖު ތަކުގައި ވެސް، އުންމަތްތަކުގައި ވެސް އެންމެ އަމާންކަން ލިބިގެންވާނީ މެދުމިން ފަރާތްތަކަށެވެ.

މެދުމިންވުމާ ގުޅޭ ފަސްވަނަ ޚާއްސަ ސިފައަކީ ބާރުވެރިކަން ލިބިގެންވުމެވެ. އެހެނީ ގިނަކަންކަމުގައި ނުވަތަ ގިނަ އެއްޗެތީގައި އޭގެ ބާރު އެންމެ ވަރުގަދަ ވަނީ އޭގެ މެދުގަ އެވެ. މިސާލަކަށް އިންސާނެއްގެ ދިރިއުޅުމަށް ބަލާއިރު ވެސް ޒުވާން ކަމަކީ ޅަކަމާއި މުސްކުޅި ކަމާ ދެމެދު އަންނަ ބާރުގަދަ މަރުހަލާ އެކެވެ. އެންމެ ހަކަތަ ހުންނަ މަރުހަލާ އެވެ. ނުވަތަ މިސާލަކަށް އިރުގެ ހޫނުކަމަށް ބަލާއިރު ވެސް އޭގެ ހޫނުކަން އެންމެ ވަރުގަދަ ވަނީ ދުވާލުގެ މެދުވަގުތުގަ އެވެ. މީގެ މާނައަކީ ކޮންމެ އެއްޗެއްގައި ނުވަތަ ކަމެއްގައި އެންމެ ބާރުގަދަވާނީ މެދުގައޭ ބުނުމެއް ނޫނެވެ. އިސްތިސްނާތައް ބައިވަރު ހުންނާނެ އެވެ.

މެދުމިންވުމާ ގުޅޭ ހަވަނަ ޚާއްސަ ސިފައަކީ އެއްބައިވަންތަކަން ރަމްޒު ކުރުމެވެ. އެހެނީ މެދަކީ ހުރިހާ އެއްޗެއް ގުޅި އެކަތިގަނޑަކަށްވާ ތަނެވެ. އެއާ ޚިލާފަށް އަރިމަތިތައް ތަފާތުވެފައި ގިނަވިއަސް އެކައްޗާ އަނެކައްޗާ ނުއެއް ގުޅޭނެ އެވެ. އެހެންވެ ހުރިހާ އެއްޗެއް ވެސް އެއްބައި ކުރުވައި ގުޅުވައިދޭ މަރުކަޒަކީ މެދެވެ. މާއްދީ އެއްޗެއްސާއި ކަންކަމުގައި މި ގުޅުމާއި އެއްބައިވަންތަކުރުވުން އޮންނަ އިރު މައުނަވީ ކަންކަމުގައި ވެސް މިގުޅުން އޮވެ އެވެ. މިސާލަކަށް ފިކުރުތަކަށް ބަލާއިރު ހަރުކަށި ހުރިހާ ފިކުރެއްގައި ވެސް މެދުމިނާ ގުޅުންހުރި ކޮންމެވެސް ބައިތަކެއް ހުންނާނެ އެވެ. އެކަމަކު އެފަދަ އެހެން ހަރުކަށި ފިކުރަކާ އެއްގޮތްވާ ކަންކަން ނުހުރެދާނެ އެވެ. ވީމާ އެއްބައިވަންތައެއް ނުވާނެ އެވެ. އިސްލާމީ ފިކުރަކީ އެހެން ހުރިހާ ފިކުރުތަކެއްގައި ވެސް ހިމެނޭ މުހިންމު އެންމެ ބޭނުންތެރި ބައިތައް އެކުލެވޭ ފިކުރެއް ކަމުން އެއްބައިވަންތަ ކުރުމުގެ ގާބިލުކަން ލިބިގެންވެ އެވެ.

އާދެ، މިފާހަގަ ކޮށްލެވުނު ޚާއްސަ ސިފަތަކުން ހާމަވެގެންދަނީ އިސްލާމީ އުންމަތް އޭގެ މެދުމިންވަންތަ ކަމުގައި އަބަދުވެސް ދެމިއޮތުން މުހިންމު ކަމެވެ. އަދި އޭގެ މަންފާތައް ގިނަކަމެވެ. ވީމާ މިސިފަތައް މުޖުތަމަޢުގައި ދަމަހައްޓަން ޚާއްސަ ސަމާލުކަމެއް މުސްލިމުން ދޭންވާނެ އެވެ. އޭރުން އުންމަތުގެ މެދުމިންވަންތަކަން ދެމެހެއްޓޭނެ އެވެ.