11 ފެބުރުއަރީ 2022 - 11:32

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި އެޗްޑީސީގެ ވެހިކަލްތަކަށް ހާއްސަ ޕެޓްރޯލް ޝެޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން، ޕެޑްރޯލް ޝެޑެއް ތަރައްގީ ކުރަން ޖެހެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސާވިސް އޮޕަރޭޝަން (އެމްއެސްއޯ) ސަރަހައްދުގަ އެވެ. އެއީ އެޗްޑީސީގެ އެކި ބޭނުންތަކަށް ހާއްސަ ކޮށްފައިވާ ސަރަހައްދެކެވެ.
ޕެޓްރޯލް ޝެޑް ހެދުމަށް ހުޅުވާލާފައި ވަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ އެވެ. ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 17 ގަ އެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ ވެހިކަލްތަކަށް ހާއްސަ ޝެޑެއް ހަދަނީ، ޕެޓްރޯލް އެޅުމުގައި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އެ ޕެޓްރޯލް ޝެޑް އާންމުންނަށް ހުޅުވައެއް ނުލާނެ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ވަގުތު ދެ ސަރަހައްދެއްގައި އާންމުންނަށް ހާއްސަ ދެ ޕެޑްރޯލް ޝެޑް ހިންގަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިދިޔަ މަހު އިއުލާނުކޮށްފައިވެ އެވެ. ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ޝެޑް ހެދުމަށް 7،327.20 އަކަފޫޓުގެ ބިމަކާއި 10،179.31 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން 7،327.20 އަކަފޫޓު ބިމުގައި ޕެޓްރޯލް ޝެޑެއްގެ އިތުރުން ކާރު ދޮންނަ ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.