11 ފެބުރުއަރީ 2022 - 11:39

ވުލްވަހެމްޓަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ރަށުން ބޭރުގައި ވުލްވްސް ބަލިކޮށް، ފުރަތަމަ ފަހަރަށް މި އަހަރު މެޗަކުން މޮޅު ވެއްޖެ އެވެ.

އާސެނަލް އިން ރޭ ވުލްވްސް މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. މި ނަތީޖާއާ އެކު އާސެނަލް ވަނީ 22 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލައި، ޓޭބަލްގެ ފަސްވަނައަށް ޖެހިލައިފަ އެވެ. އެއީ ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެގެން ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. އާސެނަލް އާއި ޔުނައިޓެޑަށް ވެސް 39 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ވެސްޓްހޭމް ވަނީ 24 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗުގެ މައެކަނި ލަނޑު 25 ވަނަ މިނިޓުގައި ޖަހައިދިނީ އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އެވެ. ގެބްރިއެލް މާޓިނެލީ ނަގައިދިން ކޯނަރެއް ވުލްވްސް ކުޅުންތެރިންނަށް ސާފްކޮށް ނުލެވި އުޅެނިކޮށް ބެން ވައިޓާއި އެލެކްޒެންޑާ ލަކަޒޭޓްގެ މަސައްކަތުން ލިބުނު ބޯޅަ ގެބްރިއެލް ގޯލަށް ފޮނުވާލީ ގޯލް ރޮނގު ކުރިމަތީ ތިބި ވުލްވެސްގެ ދެ ކުޅުންތެރިން ދެމެދުގައި ހުރެ އެވެ.

ފަހު ހާފުގެ 69 ވަނަ މިނިޓުގައި އާސެނަލްގެ މާޓިނެލީ ފުލުފުލުގައި ކުރި ދެ ފައުލަށް ރެފްރީ މައިކަލް އޮލިވާ ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މާޓިނެލީ އަތުން ވުލްވްސް އަށް ލިބުނު އެއްލުމެއްގައި އޭނާ ވަނީ ޑެނިއެލް ޕޮޑެންސް ކޮއްޕާލައި ޗިކީނިއޯ ފަހާ ދުއްވައިގެންފަ އެވެ. ނަމަވެސް ރެފްރީ ޕްލޭއޮން އަށް ދެއްކި އެވެ. ޗިކީނިއޯ އަތުން ބޯޅަ ހޯދަން އޭނާއަށް ފައުލް ކުރުމާ އެކު ރެފްރީ ވަނީ ކުޅުން ހުއްޓުވައި، މާޓިނެލީގެ ދެ ފައުލަން ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މި ރަތްކާޑަކީ މި އަހަރު އާސެނަލް ކުޅުނު ފަސް މެޗުން އެޓީމު ކުޅުންތެރިންނަށް ދެއްކި ހަތަރުވަނަ ރަތްކާޑެވެ. އަދި ޑިސެމްބަރު 2019 ގައި މިކެލް އާޓެޓާ އެޓީމު ކޯޗުކަމާ ހަވާލުވި ފަހުން ދެއްކި 15 ވަނަ ރަތް ކާޑެވެ.
ލީގުގެ ފުލުގައި އޮތް ބާންލީ އަތުން ޖެނުއަރީ މަހު އާސެނަލް އެއްވަރުވިއިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ވީ ބައްޔެވެ. އަދި ލީގު ކަޕް ސެމީ ފައިނަލުގެ ދެ ލެގުގައި ވެސް ލިވަޕޫލް އަތުން މޮޅު ނުވެވި، ފައިނަލުގެ ޖާގަ ގެއްލުނުއިރު، އެފްއޭކަޕް ތިންވަނަ ބުރުގައި ދެވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެގެން އެ މުބާރާތުން ވެސް ވަނީ ކަޓައިފަ އެވެ.
ލީގުގައި ރޭ ލިވަޕޫލް ވެސް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ ބަލިކޮށް، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ޕޮއިންޓުގެ ފަރަގު ނުވަޔަކަށް ކުޑަކޮށްފަ އެވެ. ލިވަޕޫލް 23 މެޗުން 51 ޕޮއިންޓް ހޯދާފައި ވާއިރު، 24 މެޗު ކުޅެގެން ސިޓީ ވަނީ 60 ޕޮއިންޓް ހަމަކޮށްފަ އެވެ.
މެޗުގައި ލިވަޕޫލުން ޖެހި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ. ލިވަޕޫލްގެ ކުރީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިޔުމުން ޖޮޓާ އަށް ފުރަތަމަ 11 އިން ލިބެންފެށި ފުރުސަތުތަކުގެ ބޭނުން އޭނާ އަންނަނީ އެންމެ ފުރިހަމައަށް ހިފަމުންނެވެ. ޖޮޓާ ވަނީ މިހާތަނަށް މި ސީޒަނުގައި 17 ލަނޑު ޖަހައިފަ އެވެ. އޭނާއަކީ މިދިޔަ ސީޒަނުގައި ވުލްވްސް އިން 45 މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިޔެކެވެ.
އެފްރިކަން ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާނޭގެ ސެނެގާލް އަތުން ބަލިވި މިސްރުގެ ސަލާހު ލިވަޕޫލް ޓީމާ ގުޅިފައި ވާއިރު، މާނޭ އަދި ޓީމާ ގުޅިފައެއް ނުވެ އެވެ. ސަލާހު ވަނީ ދެވަނަ ހާފުގައި ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ރޭ ކުޅެން އަރައިފަ އެވެ.