ބަންގްލަދޭޝްގެ ޒުވާނެއްގެ ޓިކްޓޮކްތައް ދިވެހިންގެ ހިތަށް
ބަންގްލަދޭޝްގެ ޒުވާނެއްގެ ޓިކްޓޮކްތައް ދިވެހިންގެ ހިތަށް

މަގްބޫލު އެޕް، ޓިކްޓޮކުގައި އުޅޭ ދިވެހިންނަށް ބަންގްލަދޭޝްގެ "ބްލެކް ޕެއިން" ނުވަތަ ތަންވީރު އިސްލާމް މިހާރު ފަރިތަވާނެ އެވެ. އޭނާގެ ޓިކްޓޮކްތަކަށް ދިވެހިންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް ހިސާބުގައި ޓިކްޓޮކަށް ވަދެ ވީޑިއޯ ހަދަން ފެށި، ތަންވީރަކީ 2016 ވަނަ އަހަރު ވަޒީފާ އަދާކުރަން ރާއްޖެ އައި ގޮތަށް މި ތަނުގައި އުޅެމުން އަންނަ ޒުވާނެކެވެ. އުމުރުން 29 އަހަރުގެ ތަންވީރުގެ ޓިކްޓޮކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފެށީ ދިވެހި ލަވަތަކަށް އޭނާ ހެދި ޓިކްޓޮކްތަކުންނެވެ.

އެ ޓިކްޓޮކްތައް ބެލުމަށް ފަހު އޭނާ އަކީ ހަމަ ބަންގަލަދޭޝް މީހެއްތޯ ވެސް މީހުން ސުވާލު އުފެއްދި އެވެ. އަދި ޓިކްޓޮކުގައި އުޅޭ ބައެއް ދިވެހިންނަށް ވުރެ ވެސް ތަންވީރު ދިވެހި ލަވަތަކަށް ލިޕް ސިންކްކުރީ މާމޮޅަށް ކަމަށް ބައެއް މީހުން ދެކެ އެވެ. އޭނާ ފަހުން ވަނީ އެހެން މީހުންގެ ރިކުއެސްޓްތަކަށް ވެސް ދިވެހި ލަވައިގެ ޓިކްޓޮކް ހަދަން ފަށައިފަ އެވެ.

ތަންވީރު، "މިހާރު" އަށް ބުނީ އެހެން ދިވެހި ލަވަ ކިޔަސް ލަވަތަކުގައި އެ ކިޔާ އެއްޗެއް ނޭނގޭ ކަމަށެވެ. އޭނާގެ ގިނަ ޓިކްޓޮކް ދިވެހި ލަވަތަކުގެ މާނަ ވެސް ނޭނގޭ ކަމަށް ބުންޏެވެ. އެކަމަކު ލަވަތައް ކުޅުމުގެ ކުރިން އޭނާގެ ދިވެހި ރައްޓެހިންގެ ގާތު އަހައިގެން އޭގެ މާނަ ހޯދަ އެވެ.

އޭނާ ބުނި ގޮތުގައި ދިވެހި ލަވަތަކުގެ ތެރެއިން ވެސް އެންމެ ކަމުދަނީ "ސާދާ މިޖާޒު" އެވެ. އެއީ އަލީ ރަމީޒާއި ރާފިޔަތު ރަމީޒާގެ ލަވައެކެވެ.

އެންމެ ފުރަތަމަ ތަންވީރު ދިވެހި ލަވައަކަށް ޓިކްޓޮކުގައި ލިޕްސިންކް ކުރީ ވެސް މި ލަވައަށެެވެ. އެ ޓިކްޓޮކަށް އެތައް ބައެއްގެ ތައުރީފް ލިބުމާ އެކު އޭނާ ދިވެހި ލަވަތަކަށް ހާއްސަކޮށް ޓިކްޓޮކް ހަދަން ފެށީ ކަމަށް ތަންވީރު ބުންޏެވެ. އެ ލަވަ އަށް 90،000 އާ ގާތްކުރާ އަދަދަކަށް ވިއުސް ލިބިފައިވެ އެެވެ.

"މިހާރު ވަރަށް ގިނަ ދިވެހިންގެ ފަރާތުން ލިބޭ ރިކުއެސްޓް އެކި ދިވެހި ލަވަތައް ހަދައިދޭން. އެކަމަކު މިވަގުތު އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާތީ އެހާ ވަގުތު ވެސް ނުލިބޭތީ އެ ހުރިހާ ރިކުއެސްޓްތަކަކަށް ވީޑިއޯ ހަދައިދެވޭ ގޮތެއް ވެސް ނުވޭ،" ހުޅުމާލޭގައި ދިރިއުޅޭ އެ ޒުވާނާ ބުންޏެވެ.

"ދިވެހިންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރުވެރިވަން،"

ތަންވީރަކީ ދިވެހި އާޓިސްޓުންގެ ތެރެއިން ޝަލަބީ އިބްރާހިމާއި އަހުމަދު އިބްރާހިމް (އައްމަޑޭ) އަށް މަރެކެވެ. އޭނާ ބޭނުންވަނީ އެ މީހުންނާ ކޮންމެވެސް ދުވަހަކުން ބައްދަލުވެ، އެކުގައި ޓިކްޓޮކެއް ކުޅެލާށެވެ. އަދި ދިވެހިންގެ ފަރާތުން ލިބެމުންދާ ލޯބި އަބަދުވެސް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.