ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ޑޮކިއުމަންޓްތަކަށް ފުރުސަތު ދޭން: ޓޫރިޒަމް
ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ޑޮކިއުމަންޓްތަކަށް ފުރުސަތު ދޭން: ޓޫރިޒަމް

އަލަށް ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އިދާރާތަކުން ބޭނުންވާ ޑޮކިއުމެންޓްތައް ހަމަކުރުން ކޮވިޑާ ގުޅިގެން ދަތިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާ އިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން، އެ މިނިސްޓްރީން ބޭއްވި ވެބިނާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، އަލަށް ހުޅުވައިލި ރަށްތަކަށް ބީލަން ހުށަހަޅާ މުއްދަތު އިތުރު ކުރީ، ޑޮކިއުމެންޓްތައް ހުށަހެޅުމުގައި އިންވެސްޓަރުންނަށް އިތުރު ފުރުސަތު ދީ، އާ އިންވެސްޓަރުންނަށް ވެސް ބިޑަށް ހުށަހެޅޭނެ ގޮތް ހެދުމަށް ކަމަށެވެ.

ބީލަން ގަތުމަށް މިހާތަނަށް ވިއްސަށް ވުރެ ގިނަ ޕާޓީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހެޅުމުގެ މިހާރުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 24 އެވެ.

ޝިނާން ވިދާޅުވީ، މިދިޔަ އަހަރު ހުޅުވައިލި ރަށްތަކަށް ވެސް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓް ހަދަން މި ފަހަރު ހުޅުވައިލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަމަށް ބަލައި، އިތުރު ރަށްތަކެއް ހުޅުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"ބިޑް ސަބްމިޓް ކުރާ ދުވަހުން ފެށިގެން ގިނަވެގެން އެއް މަސް ދުވަހުގެ ތެރޭ އިވެލުއޭޝަން ޕްރޮސެސް ނިންމާލެވޭނެ ކަމަށް މި ބަލަނީ،" ޝިނާން ވިދާޅުވި އެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުން 60 ދުވަހުގެ ތެރޭ އެކުއިޒިޝަން ކޮސްޓް ހުށަހަޅަން ޖެހޭނެ އެވެ. އެހެންކަމުން، ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ރިސޯޓް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 18 ރަށެއް ތަރައްގީ ކުރަން ހުޅުވައިލި އެވެ. އަދި މިދިޔަ ޖެނުއަރީގައި އެ ލިސްޓަށް ތިން ރަށް އިތުރު ކޮށްފައިވެ އެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.