"އޯކޭ ޖާނޫ"ގެ "ހައްމާ ހައްމާ" ލަވައަށް ފާޑުކިއުން
"އޯކޭ ޖާނޫ"ގެ "ހައްމާ ހައްމާ" ލަވައަށް ފާޑުކިއުން

މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާން 1995 ގައި "ބޮމްބޭ" އަށް ތައްޔާރުކޮށްދިން ޗާޓްބަސްޓާ "ހައްމާ ހައްމާ" ގެ އާ ވާޝަންއެއް ދާދި ފަހުން ވަނީ ރިލީޒްކޮށްފަ އެވެ. "ދަ ހައްމާ ސޯންގް"ގެ ނަމުގައި ނެރުނު މި ލަވައަކީ ޑައިރެކްޓަރު ޝާދް އަލީގެ "އޯކޭ ޖާނޫ"ގައި ހިމެނޭ ލަވައެކެވެ. "އޯކޭ ޖާނޫ" އަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްގެ "އޯކޭ ކަންމަނީ"ގެ ރިމޭކްއެކެވެ. "ބޮމްބޭ" އަކީ ވެސް މަނީ ރަތުނަމް އުފެއްދި ފިލްމެކެވެ.

ލަވައިގެ ފަހުގެ ވާޝަން ތައްޔާރުކުރީ ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ބާދްޝާހް އާއި ތަނިޝްކް ބަގްޗީ އެވެ. އަދި ލަވަ ކިޔައިދީފައިވަނީ ޖޫބިން ނައުޓިޔާލް އާއި ތަނިޝްކް އެވެ.

އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ވަރަށް ރީތި ނެށުމެއް ހިމެނޭ މި ލަވަ ރިލީޒްކުރުމާ އެކު އެއްބަޔަކަށް ވަރަށް ކަމުދިޔަ އެވެ. އަނެއް ބަޔަކު ބުނީ އޮރިޖިނަލް ލަވަޔަށް ކުރަފިއަރުވާފައިވާ ކަމަށެވެ. އަދި ލަވައާ ހިތްހަމަނުޖެހުނު މީހުންގެ ތެރޭގައި އަސްލު ލަވަ ކިޔައިދިން ރޭމޯ ފެނާންޑިސް ވެސް ހިމެނެ އެވެ.

އޭނާ ބުނީ މަޝްހޫރު ލަވަތަކުގެ އާ ވާޝަންތައް ނެރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ ލަވައެއްގައި ތަފާތު އާ ކަންތައްތަކެއް ހިމެނެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ހައްމާ ހައްމާ"ގެ ފަހުގެ ވާޝަންގައި މިފަދަ އެއްވެސް ކަމެއް ނެތުމުން އޮރިޖިނަލް ލަވައަށް ހުތުރުވީ ކަމަށް އޭނާ ދެކެ އެވެ. އަދި ލަވަކިއުމާއި އިންސްޓްރޫމަންޓްސް އަދި އެރޭންޖްކުރުމުގެ ގޮތުން ވެސް ލަވަ ބަލައިގަނެވޭ ފެންވަރުގައި ނެތް ކަމަށާއި އަވަސް އަރުވާލާފައި އެއްޗަކަށް އެއްޗެއް ހަދާފައިވާ ކަމަށް ވެސް ރޭމޯ ގަބޫލުކުރެ އެވެ.

ނަމަވެސް މި ލަވަ އުފެއްދި އެކަކު ކަމަށްވާ ތަނިޝްކް ބުނީ މި ލަވަ އެމީހުން އުފެއްދީ އޭ.އާރް ރަހްމާނަށް ޓްރިބިއުޓެއް ދޭން ކަމަށެވެ. އަދި އެ ލަވަ ފުރިހަމަކުރަަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

މިފަހަރުގެ ލަވަ ކިޔައިދިން ޖޫބިން ބުނީ ލަވަ ރިލީޒްކުރުމުގެ ކުރިން ރަހުމާނަށް އިއްވި އެވެ. އަދި ރަހްމާނަށް ލަވަ ކަމުދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ލަވަ ހިމެނޭ "އޯކޭ ޖާނޫ" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ 13 ގަ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރް އާއި މަނީ ރަތުނަމް ގުޅިގެންނެވެ.

މި ފިލްމުގެ ތަމަޅަ ފިލްމު "އޯކޭ ކަންމަނީ" އަކީ 2015 ވަނަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކަށް އެންމެ ރީތިވި ފިލްމެވެ.