11 ފެބުރުއަރީ 2022 - 10:01

ލަންޑަން (ޖެނުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބް ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ އޭނާ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއްގެ ގައިގައި ޖަހައިގެން އެ މައްސަލަ ހޫނު ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ޒޫމާ އޮޅުކޮށްގެން ގޭގައި ގެންގުޅޭ ދެ ބުޅަލުގެ ތެރެއިން އެއް ބުޅާ، ބަދިގޭގެ ތަޅުންގަނޑުމައްޗަށް ވައްޓާލަމުން އޭގައި ފައިން ޖެހި މަންޒަރެވެ. އަދި އެ ބުޅާ ފިލަން ދުއްވައިގަތުމުން ޒޫމާގެ ބޫޓުކިބައެއް ހޫރާލައި ފަހާ ދުއްވައިގަތުމުން ކުޑަ ކުއްޖަކު އެ ބުޅާ ނަގައި އުރާލައެވެ. ބުޅާ ނަގާތަނުން ޒޫމާ ވަނީ އޭގެ މޫނުމަތީގައި އަތުން ޖަހައިފަ އެވެ.

ވީޑިއޯ ވައިރަލް ވުމުން ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެ، ޒޫމާ ވަނީ އޭނާގެ އެ އަމަލަށް އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި މީގެފަހުން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އޭނާ އޮޅުކޮށްގެން ގެންގުޅޭ ދެ ބުޅަލުގެ ހާލުވެސް ރަނގަޅުކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް ފްރާންސްގައި ޖަނަވާރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްރިޖިޓް ބާޑޮޓް ފައުންޑޭޝަނުން މައްސަލަ ޖެއްސުމާ އެކު އިނގިރޭސި ފުލުހުން ވަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ 'ރޯޔަލް ސޮސައިޓީ ފޯ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް' (އާރްއެސްޕީސީއޭ) ގުޅިގެން މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. އާރްއެސްޕީއޭއިން ވަނީ ޒޫމާގެ ދެ ބުޅާ ވެސް މެޑިކަލް ޗެކަޕަކަށް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ފުލުހުން މައްސަލައާމެދު ވަކި ގޮތެއް ނިންމަންދެން އެ ދެ ބުޅާ ވެސް ތިބޭނީ އާރްއެސްޕީއޭގެ ބެލުމުގެ ދަށުގައި ކަމަށް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

"ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން އިނގިރޭސި ސަރުކާރުން ވެސް ވަނީ ނިންމައިފައި. މި ހިނގައިދިޔަ ކަންތަކަށް އަހަރެމެން ވެސް އިންސާފް ބޭނުންވޭ. ވެސްޓް ހޭމް އިން ވެސް ޒިންމާ ނަގަން ޖެހޭނެ އެ ޓީމުގެ ކުޅުންތެރިޔަކު އެފަދަ ކަމެއް ކުރީމަ،" އިނގިރޭސިވިލާތުގައި ޖަނަވާރުން ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއެއްގެ އޮފިޝަލަކު ބުނެފައިވެ އެވެ.

މި މައްސަލައާ އެކު ވެސް ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ވަނީ އަންގާރަ ދުވަހުގެ ރޭ މެސްޓް ހޭމް އިން ޕްރިމިއާ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ 11 ގައި ޒޫމާ ކުޅެން ނެރެފަ އެވެ. މޮޔެސް ބުނީ ޒޫމާ މާފަށް އެދެފި ކަމަށާއި، ޓީމު ސްކޮޑުގައި ތިބި އެންމެ މޮޅު ކުޅުންތެރިން އޭނާ ބޭނުން ކުރާނެ ކަމަށެވެ. ވަޓްފޯޑު މެޗަށް ޒޫމާ ކުޅެން އެރުވީ އޭނާގެ އެ އަމަލަށް 250،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ. އެއީ ޒޫމާއަށް ވެސްޓް ހޭމް އިން ދޭ ދެ ހަފްތާގެ މުސާރަ އެވެ. އަދި އެ ޖޫރިމަނާގެ ފައިސާ އެނިމަލް ވެލްފެއާ ޗެރިޓީއަށް ހަދިޔާ ކުރަން ވެސް ވެސްޓް ހޭމް އިން ނިންމާފައިވެ އެވެ.

ވަޓްފޯޑާ ދެކޮޅަށް ޒޫމާ ކުޅެން އެރުވުމުން ކޯޗު މޮޔެސް ވެސް ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމް އިން ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ޒޫމާ ޓީމަށް ނުނަގަން ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ. ވަޓްފޯޑާ ދެކޮޅަށް ޒޫމާ ކުޅެން އެރުވުމުން އެޓީމުގެ ވެލްނެސް ޕާޓްނަރު ވިޓާލިޓީ ހެލްތު އިންޝުއަރެންސް ކުންފުނިން ވަނީ އެޓީމަށް އަހަރަކަށް ދޭ އެއް ލައްކަ ޕައުންޑުގެ ސްޕޮންސާޝިޕް ސަސްޕެންޑް ކޮށްފަ އެވެ. ޓީމުގެ އިތުރު ޕާޓްނަރުން ވެސް މިއާ ގުޅޭގޮތުން ޓީމާ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. ޓީމުގެ ޖޯޒީ އުފައްދާ ކުންފުނި އަމްބްރޯ އިން ވެސް ވަނީ ޒޫމާގެ އަމަލު ކުއްވެރި ކޮށްފަ އެވެ.
މީގެ އިތުރަށް ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުގެ އެޑިޑާސް ކުންފުނިން ވެސް ވަނީ އޭނާއާއެކު ހަދާފައިވާ އެމްބެސެޑާޝިޕް އެގްރީމަންޓް ބާތިލް ކޮށްފަ އެވެ. "ޒޫމާ އަކީ މިހާރު އެޑިޑާސް އާއެކު ކޮންޓްރެކްޓް އޮންނަ އެތުލީޓެއް ނޫން،" އެޑިޑާސްގެ ބަޔާނުގައި ވެއެވެ.
މި ހުރިހާ ކަމާކާ އެކު ވެސްޓް ހޭމް ޔުނައިޓެޑުގެ ފޯވާޑް މިޝޭލް އެންޓޯނިއޯ ވަނީ ޒޫމާގެ މި އަމަލަށް އޭނާއަށް ލިބެމުންދާ ނަފްރަތު ހައްގުވާ އަމަލެއްތޯ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ ނަސްލީ ގޮތުން ދިމާކުރުމުގެ ކުށް ކޮށްފައި ތިބޭ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު އޮންނަ އިރު ބުޅަލެއްގައިގައި ޖަހައިގެން ކުޅުންތެރިޔެއްގެ ކެރިއަރު ހުއްޓާލަން ޖެހޭކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަހަރެން ނުބުނަން ޒޫމާ އެކުރީ ރަނގަޅު ކަމެކޭ. އެކަމަކު ނަސްލީ ދިމާކުރުންތަކުގެ މައްސަލައިގައި ކޯޓުގައި ކުށް ސާބިތު ވެފައި ތިބޭ ކުޅުންތެރިން ވެސް އެބަ ފުޓުބޯޅަ ކުޅޭ. އެމީހުން އަށެއްކަ މެޗަށް ސަސްޕެންޑް ވާނީ ބޮޑު ވަރަކަށް ވެސް. އެކަމަކު މިހާރު އެންމެން ގޮވަނީ ޒޫމާ ޓީމުން ބޭރުކުރަން. އޭނާގެ ކެރިއަރާއި ދިރިއުޅުން ވެސް ހަލާކު ވާން އެންމެން ވެސް ބޭނުން ވަނީ. އަހަރެން ހަމަ ސުވާލެއް ކޮށްލަން ބޭނުންވަނީ ޒޫމާ އެކުރީ ނަސްލީގޮތުން ދިމާ ކުރުމަށް ވުރެ ވެސް ގޯސް ކަމެއްތޯ؟" އެންޓޯނިއޯ ބުންޏެވެ.
އެންޓޯނިއޯ މި ސުވާލުކުރީ ވަކި ކުޅުންތެރިޔަކަށް ނިސްބަތް ކޮށެއް ނޫނެވެ. ނަމަވެސް މިއީ ހިނގާފައި ހުރި ކަންކަމެވެ. ޗެލްސީ އާއި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އަށް ވަނީ ކިއުޕީއާރަށް ކުޅުނު އެންޓަން ފާޑިނެންޑަށް ނަސްލީގޮތުން ދިމާކުރިކަން 2012 ވަނަ އަހަރު ކޯޓުން ސާބިތުވެފަ އެވެ. އިނގިރޭސި ފުޓުބޯޅަ އެފްއޭއިން ވަނީ ޓެރީ ހަތަރު މެޗަށް ސަސްޕެންޑް ކޮށް 220،000 ޕައުންޑުން ޖޫރިމަނާ ކޮށް އޭނާގެ އަތުން ގައުމީ ކެޕްޓަންކަން އަތުލައިފަ އެވެ.
އޭގެ ކުރިން 2011 ވަނަ އަހަރު ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒް، މެންޗެސްޓާ ޔުނައިޓެޑުގެ ޕެޓްރީސް އެވްރާ އަށް ނަސްލީގޮތުން ދިމާ ކޮށްގެން އޭނާ ވަނީ 40،000 ޕައުންޑުން ޖޫރިމަނާކޮށް، އަށް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. މައްސަލަ ކޯޓާ ހަމައަށް ނުދިޔަ ނަމަވެސް، އޭރު އެޑިޑާސްގެ އެމްބެސެޑާޝިޕެއް ވެސް ނުގެއްލެ އެވެ.
ޒޫމާގެ އަމަލަށް ކުލަބުން އޭނާ ޖޫރިމަނާކުރީ ދެ ހަފްތާގެ މުސާރަ އެވެ. ޒޫމާ ވަނީ އާންމުންގެ ފަރާތުންނާއި އަދި ޓްރޭނިން ގްރައުންޑުގައި ޓީމު ކުޅުންތެރިން ކިބައިން ވެސް މާފަށް އެދިފަ އެވެ. އަދި އިތުރު އަދަބެއްގެ ގޮތުން ކުލަބުން ވަނީ، މި ސީޒަނުގައި 29.8 މިލިއަން ޕައުންޑަށް ޗެލްސީން ގެނައި ޑިފެންޑަރު، ޖަނަވާރު ހިމާޔަތްކުރަން ހޭލުންތެރިކުރުވާ ކޯހަކަށް ފޮނުވަން ވެސް ނިންމައިފަ އެވެ. ނަމަވެސް އޭނާގެ ގައުމު ކަމަށްވާ ފްރާންސްގައި އޭނާގެ އެ އަމަލަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް އަތުވެދާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޒޫމާގެ އެ ވީޑިއޯ އަކީ ޒޫމާގެ ކޮއްކޮ ޔޯއާން ޒޫމާގެ ސްނެޕްޗެޓް ސްޓޯރީއަށް ލީ ވީޑިއޯއެކެވެ. ޔޯއާން، 23 އަކީ ވެސް ލަންޑަނުގެ ކުލަބަކަށް ކުޅޭ ޑިފެންޑަރެކެވެ. މި ވީޑިއޯގެ މައްސަލައިގައި ޔޯއާން މިދިޔަ އަހަރު ބަދަލުވި ނޭޝަނަލް ލީގުގެ ޑެގެންހަމް އެންޑް ރެޑްބްރިޖް ފުޓުބޯޅަ ކުލަބުން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. ޒޫމާ، 27، އަށް ވުރެ އެއް އަހަރު ދޮށީ ބޭބެ ލިއޮނެލް ޒޫމާ ކުޅެނީ ސްވިޒަލެންޑް ލީގުގަ އެވެ.
ފްރާޏްސްގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޒޫމާގެ އަންހެނުންނަނީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ސެންޑްރާ ޒޫމާ އެވެ. އަދި ޒޫމާގެ ދެމަފިރިންނަކީ ވެސް މުސްލިމުންނެވެ. ދެމަފިރިންގެ ކައިވެންޏަށް މިހާރު 10 އަހަރު ވެފައި ވާއިރު ތިން ކުދިން ވެސް ލިބިފައިވެ އެވެ.
ސެންޑްރާ ޒޫމާ އަކީ މަޝްހޫރު ބައެއް ފުޓުބޯޅަ ކުޅުންތެރިންގެ އަންހެނުން އެކުވެގެން އުފައްދާފައިވާ ފްރާންސްގެ ޗެރިޓީ ފައުންޑޭޝަނެއް ކަމަށްވާ ސީޑްގެ ޕްރޮޖެކްޓް މެނޭޖަރެކެވެ. ސެންޑްރާގެ އިތުރުން، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ އަންހެނުން، ބޮލީވިއާގެ މޮޑެލް މާރިއާ ޒުލޭ ޕޮގްބާ އަކީ ވެސް ޖަމިއްޔާގެ ފައުންޑަރެކެވެ. ފައުންޑޭޝަންގެ ރައީސަކީ ފްރާންސްގެ ނަބީލް ފަކީރުގެ އަންހެނުން ނާދިއާ ފަކީރެވެ.
މި ފައުންޑޭޝަންގެ ފަރާތުން ސިއްހީ ގޮތުންނާއި ތައުލީމީގޮތުންނާއި އަދި ކުޅިވަރުގެ ދާއިރާގެ އިތުރުން، ގެއްލުން ލިބި، އެހީއަށް ބޭނުންވެފައިވާ ޖަނަވާރުންނަށް ވެސް އެހީ ފޯރުކޮށްދެ އެވެ. މިދިޔަ އަހަރު އެ ފައުންޑޭޝަނުން ވަނީ ޖަނަވާރު ބައިތިއްބާ ތަނުގެ މަރާމާތަށް، ޗެރިޓީގެ ގޮތުގައި 20،000 ޔޫރޯ އެއްކޮށްފަ އެވެ.
ސީޑް ފައުންޑޭޝަނުގެ އެމްބެސެޑަރުންގެ ލިސްޓުގައި ޒޫމާ ހިމެނުނު ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާރު ވަނީ އެ ލިސްޓުން ޒޫމާގެ ނަން އުނިކޮށްފަ އެވެ.