10 ފެބުރުއަރީ 2022 - 16:26

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުން، އެ ޕާޓީއަށް ވަނުމަށް މިއަދު ހުޅުވާލައިފި އެވެ.

އެމްއެންޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން މި އަހަރު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.
އެ ޕާޓީން އިންތިހާބުތައް ބާއްވާނީ ވީހާ ވެސް ދެފުށް ފެންނަ، ހާމަކޮށް ބޮޑު ގޮތެއްގައި ކަން ފާހަގަކުރައްވައި ރިޔާސީ ޕްރައިމަރީ އަށް ޝައުގުވެރިވާ މީހުން އެމްއެންޕީއާ ގުޅުމަށް އޭނާ ދައުވަތު ދެއްވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުއްދަ ދިން އެމްއެންޕީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކޮށްފަ އެވެ. އެމްއެންޕީން ވާދަކުރި ފުރަތަމަ އެ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ހޯއްދެވުނީ 323 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާން ކުރައްވާފައިވާ ނާޒިމް ވިދާޅުވީ، އެހާ ހަގު ޕާޓީއަކަށް ވެފައި، އެ ޕާޓީން ކުރިމަތިލީ ވަރަށް ވަރުގަދަ އިންތިހާބާ ކަމަށެވެ. ބޮޑު ޕާޓީތަކާ ވާދަކޮށް، އެމްއެންޕީން ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޑު އުފުލުމުން ދާއިރާގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ފާއިތުވި ތިިން އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެެއްގައި މަޝްރޫއުތައް ކުރިއަށް ގެންދާ ތަނެއް ނުފެނުނު ނަމަވެސް އެމްއެންޕީން ވާދަކުރަން ފެށި ހިސާބުން ކޮމަންޑޫ ދާއިރާ އަށް އުއްމީދުތަކެއް ލިބުނު ކަމަށެވެ.
ކޮމަންޑުއާ ގުޅޭގޮތުން އެންމެ ބޮޑަށް ވަކާލާތުކުރީ މަތިކޮމަންޑޫއާ ގުޅައިލުމަށް ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެ ނިއްވާލައި، އާ އިންޖީނުގެ އަށް ބަދަލުވުމަކީ އަޑު އުފުލުމުން ލިބުނު ކާމިޔާބީއެއް ކަމަށް ނާޒިމް ވިދާޅުވެ އެވެ. މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ފޯކައިދޫގެ އިންޖީނުގެ ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެމްއެންޕީ އަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ލިބުނީ ރަނގަޅު ކާމިޔާބީއެއް. އެކަމަކު ބަލި ގަބޫލުކުރަން. ނަމަވެސް ލިބުނު ނަތީޖާއާ މެދު އެ އަށް ވުރެ ބޮޑަށް ހިތްހަމަޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ ގަބޫލުކުރެވޭ ކަމަކަށް ނުވި ނަމަވެސް ރައްޔިތުންގެ ހައްގުގައި އެކަން އުފަލާއެކު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވިގޮތުގައި އިންތިހާބާ ދިމާކޮށް ވަޒީފާގެ ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، އޭސީސީ އުވާލައި މެމްބަރުން އައްޔަން ނުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.
"އިންތިހާބާ ބެހޭ މައްސަލަތައް ބެލުމުގައި އެންމެ މުހިއްމު ދައުރެއް ކުޅެވޭނެ ބަޔަކަށް އޭސީސީ އޮތް އިރުގައި އޭސީސީ ނެތްއިރު އަދި މިހާތަނަށް ދިޔައިރު ވެސް މަޖިލީހަށް އޭސީސީގެ މެމްބަރުން ހުށަހެޅިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވަނީ އޭސީސީއަކީ މިނިވަން ތަނެއްގެ ގޮތުގައި ދެކެ، ވީހާ ވެސް އަވަހަކަށް މެމްބަރުން އައްޔަންކުރަން އެދިވަޑައިގެންފަ އެވެ.