ނިޒާމީ ވޯޓުގެ ތާރީހެއް ނިންމަން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހަޅުއްވައިފި
ނިޒާމީ ވޯޓުގެ ތާރީހެއް ނިންމަން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހަޅުއްވައިފި

ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ޖޫން މަހުގެ ކުރިން ބޭއްވުމަށް ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ނިޒާމީ ވޯޓުގެ ތާރީހެއް ނިންމަން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހަޅުއްވައިފި
ނިޒާމީ ވޯޓުގެ ތާރީހެއް ނިންމަން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހަޅުއްވައިފި

ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ ރިޔާސީ ޕްރައިމަރީގެ ތާރީހާ އެކު ފަސް އިންތިހާބެއްގެ ތާރީހް ކަނޑައެޅުމަށެވެ. މި ބައްދަލުވުމުގެ އެޖެންޑާ މެމްބަރުންނަށް ފޮނުވާފައި ވަނިކޮށް، ނަޝީދު ވަނީ އިތުރު އިސްލާހެއްގެ ގޮތުގައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވަން ނިންމަވައި މެމްބަރުންނަށް ފޮނުއްވައިފަ އެވެ.

އެ އިސްލާހުގައި އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުން މާ ލަސްވެއްޖެ ކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑަޅަން ވެފައި އޮތް ކަމަށާއި އެ މަގަށް ދިއުމަށް ކޮންގްރެސް ބާއްވަން ޖެހޭ ކަަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭނީ ވެސް ކޮންގްރެސްގައި ނިޒާމީ ވޯޓާ މެދު ގޮތެއް ކަނޑައެޅުމަށް ފަހު އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރިޔާސީ ޕްރައިމަރީ ބޭއްވުން ރަނގަޅުވާނީ ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ކޮންގްރެސް އަދި އެ ކޮންގްރެސް ބުނާ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށް ފަހު އެވެ. އަޅުގަނޑު ދެކޭ ގޮތުގައި ކޮންގްރެސްގެ ކަންކަން ނިމި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރިޔާސީ ޕްރައިމަރީ ބޭއްވުން ބުއްދިވެރި އެވެ،" ނަޝީދު ވިދާޅުވި އެވެ.

ކޮންގްރެސް ބާއްވައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ހުށަހަޅުއްވަން ނިންމަވައި އެ ބަދަލުތައް ވެސް ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ. އެންމެ މުހިއްމު އެއް ބަދަލަކަށް އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުން މޮޅުވާ ކެންޑިޑޭޓު ކަނޑައެޅުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަދަލު ގެނައުމެވެ.

ނަޝީދުގެ ހުށަހެޅުއްވުމަކީ ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯއްދެވި ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމެވެ. އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއް ބާއްވަން ޖެހޭނީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަށް ވިދާޅުވި އެވެ.

- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިސްލާހުތައް ކޮންގްރެސް އިން ފާސްކުރުން.

- ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަށް ނިންމުން.

- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅަން ކޮންގްރެސްގައި ނިންމުން.

- އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބާއްވަން ގާނޫނުއަސާސީގައި ކަނޑައެޅުން.

- ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހް ކަނޑައެޅުން. އަދި އެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން އެއްބަސްވުން.

- ގާނޫނުއަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން.

ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހެޅުއްވި އިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމްޑީޕީއަށް އެކަނި 2023 ގައި ވެރިކަން ކަށަވަރު ކުރެއްވެން އޮތް މަގަކީ ވެސް ބަރުލަމާނީ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބު 2023 ގައި ނުބާއްވައި ބަރުލަމާނީ ނިޒާމަށް ބަދަލުވުމަށް ވެސް އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި އެވެ.

އެކަމަކު އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ނިޒާމުގެ ވޯޓަށް ވުރެން މުހިއްމީ ފަސް އަހަރުގެ ދައުރަށް ވެވަޑައިގަތް ވައުދު ފުއްދެވުން ކަމަށެވެ. އެންމެ އިސްކަމެއް ދެއްވާނީ އެ މަގުން ކުރިއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވިޔަސް ކޯލިޝަން ޕާޓީތަކާ އެކު އެ ކަމުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމެވުމަށް އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މި މަޝްވަރާތައް ޕާޓީތަކާ އެކު ކުރެއްވި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

ނަޝީދު ކުރިން ވިދާޅުވެފައި ވަނީ 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުން ނުވުމެވެ.

"ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ." ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ނަޝީދު ވިދާޅުވި އެވެ.