18 ޑިސެމްބަރ 2016 - 13:10

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް އޮބްޒާވާރުން ފޮނުވުމާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާ ގޮތަށް ނިންމައިފި އެވެ.

ފްރާންސް އިން ހުށަހަޅާފައިވާ ގަރާރުގައިވާ ގޮތުން ހަލަބުން މީހުން ނެރުމުގެ އިންތިޒާމް ކުރިއަށްދާ ގޮތް މޮނިޓާ ކުރުމުގައި އދ. ގެ އޮފިޝަލުން ހަރަކާތްތެރިވާން ޖެހެ އެވެ. ހަލަބުގެ އިރުމަތީ ހިސާބުތަކުން މީހުން ނެރެމުންދާ އިރު އާއްމުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ މަސައްކަތް ކުރިއަށްދާ ގޮތް ރިޕޯޓް ކުރުމަށް ވެސް ގަރާރުގައި ހުށަހަޅާފައިވެ އެވެ. އަދި ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކާއި އެމްބިއުލެންސްތަކުގެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް އެދިފައިވެ އެވެ.

ހަލަބުން މީހުން ނެރުމަށް އެއްބަސްވުމަކަށް އައި ނަމަވެސް ހުކުރު ދުވަހު ވަނީ އެކަން ހުއްޓުމަކަށް އައިސްފަ އެވެ. ގަދަ ފިނީގައި ނުރައްކާތެރި ހާލަތުގައި ހަލަބުގައި އެތައް ހާސް ބަޔަކު އަދިވެސް ތާށިވެފައި އެބަތިއްބެވެ. ނަމަވެސް ހަލަބުން މީހުން ނެރުމުގެ އާ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް މިހާރު އައިސްފައިވާ ކަމަށްވެ އެވެ.

ހަލަބަށް އޮބްޒާވަރުން ފޮނުވަން ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓު ރަޝިޔާ އިން ބޮއިކޮޓް ކުރާނެ ކަމަށް ބެލެެވެ އެވެ. ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިޔާ އަކީ ސީރިއާގެ ބައިވެރިއެކެވެ. ސީރިއާއާ ބެހޭ ގޮތުން 2011 ގެ ފަހުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ހަ ގަރާރެއް ރަޝިޔާ އިން ވަނީ ވީޓޯ ކޮށްފަ އެވެ.